14 Feb 2017, 19:41
މިދިޔަ އާދީއްތަ ދުވަހު އުތުރުކޮރެޔާއިން ކުރި ބެލަސްޓިކް މިސައިލް ތަޖްރިބާ ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން މިއަދު މިވަނީ އަނެއްކާވެސް ގަރާރެއް ފާސްކޮށްފަ އެވެ.
އެމެރިކާ އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި އެ ގަރާރު ފާސްކުރުމަށް އެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ވޯޓު ދީފައިވާއިރު މީގެތެރޭގައި އުތުރުކޮރެޔާގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށްވާ ޗައިނާވެސް ހިމެނެއެވެ.
އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި އުތުރުކޮރެޔާގެ މިސައިލް ތަޖްރިބާއަކީ އދ. ގެ ގަރާރުތަކާ މުޅިން ޚިލާފު އަމަލެއްކަމަށް ސިފަކޮށް އެގައުމާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުތައްވެސް ދީފައިވެއެވެ. އަދި އުތުރު ކޮރެޔާގެ މިފަދަ އަމަލުތައް ގަރާރުތަކުންނާއި ބަޔާންތަކުން ކުށްވެރި ކުރުމުގެ ބަދަލުގައި އެގައުމު މައިތިރި ކުރުމަށް އަމަލީގޮތުން ފިޔަވަޅު އަޅަންވީ ވަގުތު ޖެހިއްޖެ ކަމަށްބުނެ ބިރުތަކެއްވެސް ދައްކާފައިވެއެވެ.
މިއީ އުތުރުކޮރެޔާއިން މިސައިލެއް ނޫނީ ނިއުކްލިއާ ހަތިޔާރެއް ތަޖްރިބާކުރާ ކޮންމެފަހަރަކު ސަލާމަތީ މަޖިލީހުން އަމަލުކުރާ ގޮތެވެ. މިގޮތަށް އުތުރުކޮރެޔާއާ ދެކޮޅަށް ގަރާރުތައް ފާސްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންގެންދާތާ ތިރީހަކަށް އަހަރުވެފައިވާއިރު އެގައުމާ ދެކޮޅަށް ނާޅާ ދަތިކުރުމުގެ ފިޔަވަޅެއް މިހާރު ނެތޭ ބުނާހާވެސް ވެއެވެ.
މިގަރާރުތަކާ އަދި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި އެމެރިކާގެ ބިރު ދެއްކުންތަކާއެކުވެސް އުތުރުކޮރެޔާ ބޭނުންވާކަމެއް އެގައުމުން އެއްވެސް ޖެހިލުމެއްނެތި ކުރަމުން ގެންދެއެވެ. އަދި އދ. އިން ވެސް އުތުރުކޮރެޔާއާ ދެކޮޅަށް މިފަދަ ބޭކާރު ގަރާރުތައް ގަރާރަކަށްފަހު ގަރާރެއް ވަރަށް މާޔޫސްކަމާއެކު ފާސްކުރަމުން ގެންދެއެވެ. އުތުރުކޮރެޔާއަކީ ބައިނަލްއަގްވާމީ ނިޒާމުން ވަކިވެ އެހެން ގައުމުތަކާ ނުގުޅި އެގައުމު އަމިއްލަ އަމިއްލައަށް އުޅެމުންގެންދާ ގައުމަކަށްވާތީ އދ. އިން ފާސްކުރާ ގަރާރުތަކަކުން ނޫނީ އަޅާދަތިކުރުމުގެ ފިޔަވަޅަކުން ނޫނީ ދައްކާ ބިރަކުން އެގައުމަށްވާ އެއްވެސް ކަމެއްނޯވެއެވެ.
އުތުރުކޮރެޔާއަކީ ހުރިހާ ކަމެއްގައިވެސް އަމިއްލަ ނަފްސަށް ބަރޯސާވާ ގައުމެކެވެ. މިކަމުގެ ސަބަބުން އެހެން ގައުމަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ މާބޮޑު އަސަރެއް އެގައުމަކަށް ނުކުރެއެވެ. ނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައާ އެކަހެރިވެފައިވާތީ އުތުރުކޮރެޔާގެ އާންމު ރައްޔިތުން ބޮޑެތި ދަތިތަކެއް ތަހައްމަލް ކުރަމުން ގެންދެއެވެ.
އުތުރުކޮރެޔާގެ ސަރުކާރުން އދ. ގެ ގަރާރުތަކަށް ފައިފުއްސެއްގެ ދަރަޖަވެސް ނުދެއެވެ. އުތުރުކޮރެޔާއާ ގާތްގުޅުންތަކެއް އޮންނަ ގައުމަކީ ހަމައެކަނި ޗައިނާއެވެ. ޗައިނާއިން އުތުރުކޮރެޔާ ބޭނުންވާ އިގްތިސާދީ އަދި ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއް ކުރެވެއެވެ. އަދި ރަޝިޔާއިންވެސް އުތުރުކޮރެޔާއާއެކު އިގްތިސާދީ އަދި އަސްކަރީ ޚާއްސަ ގުޅުންތަކެއް ބާއްވައެވެ. ނަމަވެސް އުތުރުކޮރެޔާގެ މިސައިލް ނޫނީ ނިއުކްލިޔަރ ތަޖްރިބާތަކާ ގުޅިގެން އެގައުމާ ދެކޮޅަށް އދ. އިން ފާސްކުރާ ގަރާރުތަކަށް އެދެގައުމުން ވޯޓުދީ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއެވެ.
މިގޮތަށް ޗައިނާއާއި ރަޝިޔާއިން އަމަލުކުރަނީ އދ. އިން ފާސްކުރާ ގަރާރުތަކުން ނޫނީ އަޅާފިޔަވަޅުތަކަކުން އުތުރުކޮރެޔާއަށް ދެން އިތުރު ގެއްލުމެއް ނުލިބޭނެތީއާއި އުތުރުކޮރެޔާއާ ޖެހިފައި އދ. ގެ ގަރާރުތަކަކީ ބޭކާރު އެއްޗެއް ކަމަށްވާތީ ކަމަށްވަނީ ބެލެވިފައެވެ.
އުތުރުކޮރެޔާއަކީ އެގައުމަށް އިސްވެ ހަމަލާދީ އެގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލައިގެން ބައިނަލްއަގްވާމީ މުޖްތަމައަށް ކޮންޓްރޯލް ކުރެވޭނެ ގައުމެއްނޫނެވެ. ނަމަވެސް އުތުރުކޮރެޔާއަކީ ދެކުނު ކޮރެޔާ އާއި ޖަޕާނަށް ނޫނީ ބިރުދައްކާ ގައުމެއްނޫނެވެ. އަދި އެމެރިކާ ގައުމު ތަކަށް އަރައިގަންނަ ގޮތަށް އުތުރުކޮރެޔާއަކީ އެއްވެސް ގައުމަކަށް އިސްވެ ހަމަލާދީ އުދުވާންހިންގުން ފަދަ ކަމެއް ކުރާ ގައުމެއް ނޫނެވެ. މިގޮތަށް ބަލާއިރު އެމެރިކާއަކީ ދުނިޔޭގެ އަމްނާއި ސުލްހައަށް އުތުރުކޮރެޔާއަށްވުރެ އެތަށް ގުނައެއް ބިރު ބޮޑު ގައުމެކެވެ.
އުތުރުކޮރެޔާއަކީ ގިނަ އަދަދަކަށް ނިއުކްލިޔަރ ބޮމާއި ހައިޑްރިޖަން ބޮމާއި އެތަކެތި މިސައިލް މެދުވެރިކޮށް އެހެން ގައުމުތަކަށް ފޮނުވައިގެން ހަމަލާދެވޭފަދަ ބާރުގަދަ ގައުމެކެވެ. އެހެންކަމުން އުތުރުކޮރެޔާއަށް ހަމަލާދިނުމަކީ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށްވާތީ މިއީ އެމެރިކާއަށް ވެސް ކުރަންކެރޭނެ ކަމަކަށްނުވެއެވެ.
އުތުރުކޮރެޔާއަށް އިސްވެ ހަމަލާދީފިނަމަ އެގައުމުން އެމެރިކާ، ދެކުނު ކޮރެޔާ އަދި ޖަޕާނަށް ނިއުކްލިޔަރ ހަމަލާތަކެއް ދޭނެކަމީ ކަށަވަރު ކަމެއްކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. އެހެންކަމުން އުތުރުކޮރެޔާއާ ތޮޅުމަކީ އެމެރިކާއަށްވެސް ކެރޭވަރުގެ ކަމަކަށް ނުވެއެވެ. އުތުރުކޮރެޔާއިން މިދިޔަ އާދިއްތަ ދުވަހު ތަޖްރިބާ ކުރީ ދެހާސް ކިލޯމީޓަރު ރާސްތަގެ މިސައިލެކެވެ. ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްގެ އެ ތަޖްރިބާ ކާމިޔާބު ކަމަށް ހުޅަނގުގެ އަސްކަރީ ރިޕޯޓްތައް ބުނެއެވެ.