މާލޭގެ ދެ މަގެއްގެ ޓްރެފިކް ފުލޯއަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލު ގެނެސްފިއެވެ.

ޓްރެފިކް ފުލޯއަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ގެނައި ބަދަލާއެކު މޫނިމާ ހިނގުން ލޮނުޒިޔާރަތް މަގާ ގުޅުނު ހިސާބުން މޫނިމާ ހިނގުން ބުރުޒުމަގާ ހަމައަށް ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ. ބަދަލު ގެނައި ސަރަހައްދަކީ ކުރިން އުތުރަށް އެއްކޮޅަށް ދުއްވާ މަގެކެވެ.

އޭގެ އިތުރުން ފުރުގާން މިސްކިތާއި އިމާދުއްދީން ސްކޫލާ ދޭތެރޭގައި އޮންނަ މިއުޒިކީ ހިނގުން ބޮލާޑު ޖަހައި ބަންދުކޮށް، އެ މަގަކީ ހަމަ އެކަނި ހިނގާ މަގެއް ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. އެއީ ވެސް ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސާފައި އޮތް މަގެކެވެ.

ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ފޯން ނުނަންގަވާތީ އެ ބަދަލުތަކަކީ ކީއްވެގެން ގެނައި ބަދަލުތަކެއް ކަމެއް އަދި ނޭނގެއެވެ.

މާލޭގައި ހިންގާ ބައެއް މަޝްރޫއުތަކާ ގުޅިގެން މީގެ ކުރިން ވަނީ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިމަހުގެ އެކަކުން ފެށިގެން މާފަންނު ކަނބާއައިސަރަނި ހިނގުމުގެ ބައެއް ދެކޮޅަށް ދުއްވާ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.