28 Jun 2011, 13:22
އެންޑްރޫ ކޮކްސް
މި ނޫހުން ކޮންމެ ދުވަހަކު ފެންނަ ޚަބަރުތަކުން އެނގޭފަދައިން، ދިވެހިރާއްޖެ މިދަނީ ވަރުގަދަ އަދި ޑިމޮކްރަޓިކް މުޖްތަމަޢުއެއް ބިނާކުރުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ. މި ޑިމޮކްރަސީގެ ފޮނިމޭވާ ލިބުން ލަސްވާކަމަށް ބެލެވި ކެތްތެރިކަން ކުޑަވުން އެއީ ވެދާނެ ކަމެއް ކަމަށް ޤަބޫލުކުރެވެ އެވެ. އެހެންނަމަވެސް، ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމުކޮށްފައިވާ ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު، ރާއްޖެ އިން މިކަން ހާސިލްކުރުމަށް ކުރިމަތިލާފައި މިވަނީ ވަރަށް ކުރު މުއްދަތެއްގެތެރޭގައިކަން ފާހަގަ ކުރެވެ އެވެ. ދުނިޔޭގެ އެހެން ޤައުމުތަކުން މިފަދަ ކަންކަން ޙާސިލްކުރުމަށް އެތައް އަހަރުތަކެއް ނުވަތަ އެތަކެއް ޤަރުނައެއް ނަގާފައިވެ އެވެ. މަދު އަހަރު ތަކެއްގެ ތެރޭގައި ވެސް މިކަން ވެދާނެ އެވެ. އެހެންނަމަވެސް، މިކަން ހާސިލްވާނީ ޤައުމުގެ މަސްލަޙަތު ކުރިއަށް ނެރެގެން، ހުރިހާ އެންމެން އެއްބާރުލައިގެން މަސައްކަތް ކުރުމުންނެވެ. މިކަން އެންމެ ރަނގަޅަށް ފެންނަން ހުރި އެއް ދާއިރާއަކީ ޝަރުޢީ ދާއިރާއެވެ. ޝަރުޢީ ދާއިރާއަކީ ޤައުމެއްގެ ތަރައްގީ އަށް އަދި ޑިމޮކްރަޓިކް މުޖްތަމަޢުއެއްގެ އަސާސީ ބިންގަލެވެ. މިނިވަން، ހަރުދަނާ ޝަރުޢީ ނިޒާމެއް ޤާއިމުކުރުމަށް ޓަކައި ދަޢުލަތުގެ ތިންބާރާއި މަދަނީ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ކޮންމެހެން ބޭނުންވެ އެވެ.
އިންތިޤާލީ މަރުހަލާއާ އެކު ދިވެހިރާއްޖެ މިހާރު މިދެކޭ ބޮޑެތި ބަދަލުތަކާ މެދު ރައްޔިތުންގެ މެދުގައި ހިތްނުތަނަވަސްކަން އުފެދި، ކުށްކުރުން އިތުރުވެފައިވާ މައްސަލައާ މެދު މުޖުތަމައުގައި ކަންބޮޑުވުން އުފެދިފައިވެ އެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާ ބާރެކެވެ. ހަރުދަނާކަމާއި އިތުބާރާ އެކު މަސައްކަތްކުރާ، ޖިނާއީ ޢަދުލުގެ ނިޒާމެއް އޮތުމަކީ ޑިމޮކްރަސީ ކުރިއެރުވުމަށާއި ޤާނޫނީ ވެރިކަން ނެގެހެއްޓުމަށް ނުހަނު ބޭނުން ކަމެކެވެ. އަދި އަލަށް އުފެދިފައިވާ ތަފާތު މުޢައްސަސާތައް ހަރުދަނާވެ، ސަލާމަތްތެރިކަން ދަމަހައްޓާ، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް އިތުރުވެ، އިޤްތިސާދީ ތަރައްޤީ ކުރިއެރުމަށް ވަރަށް ވެސް މުހިއްމު ކަމެކެވެ. މި ހުރިހާ ކަމެއްގެ އަސާސަކަށް ވާންވާނީ އަދުލު އިންސާފާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމެވެ. ފުރިހަމަ އަށް މަސައްކަތްކުރާ ވަރުގަދަ ޖިނާއީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަކީ ތަފާތު އެކި ދާއިރާތައް ހަރުދަނާ ކުރުމާއެކު ވަރަށް ވެސް ދަތި، އުނދަގޫ އަދި ދުވަސްތަކެއް ނަގާނެ މަސައްކަތެކެވެ. ރަނގަޅަށް މަސައްކަތްކުރާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެންމެ އަވަހަށް ފުރިހަމަވާން ޖެހޭ އެއްކަމަކީ މި ނިޒާމު ތަންފީޒު ކުރުމަށްޓަކައި ބޭނުންވާނެ ޤާނޫނީ އޮނިގަނޑެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާ ބެހޭ ޤާނޫނުތައް ކަމަށްވާ ޤާނޫނުލްއުޤުބާތާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހެއްކާ ބެހޭ ބިލް އަދި ކުޑަކުދިންގެ ޢަދުލުގެ ބިލް އިސްލާޙްކޮށް ފާސްކުރުން ހިމެނެ އެވެ.
މިޒަމާނަށް އެކަށޭނެ ފުރިހަމަ ޤާނޫނުލްއުޤުބާތެއްގެ ސަބަބުން ޝަރުޢީ ނިޒާމު ހަރުދަނާވެ، ކޯޓުތަކުގެ ނިންމުންތައް އެއް މިންގަނޑަކަށްހުރެ، ޖިނާއީ ޤާނޫނުތައް މީހުންނަށް އެނގި، ނިންމުންތަކަކީ ދެފުށްފެންނަ ނިންމުންތަކަކަށް ވެގެންދާނެއެވެ. ޤާނޫނުލްއުޤޫބާތުގައި ކުށުގެ ޒިންމާ އުފުލުމުގެ އަސާސީ މިންގަނޑުތަކާއި، ކުށްތައް ގިންތިކުރުމާއެކު އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ބަޔާންކުރެ އެވެ. ފުރިހަމަ ޤާނޫނުލްއުޤޫބާތަކަށް ޢަމަލުކުރެވެމުން ދާނަމަ، ކޮންމެ ބާވަތެއްގެ ކުށަކަށް ވަކި ޤާނޫނެއް ހަދާކަށް ނުޖެހޭނެ އެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޖިނާއީ މައްސަލަތައް ހިންގުމުގައި ޢަމަލުކުރަން ޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެވެ. މީގެ ސަބަބުން، ޝަރުޢީ ނިޒާމަކީ ދެފުށް ފެންނަ ޒިންމާދާރުކޮށް މަސައްކަތްކުރާ ނިޒާމަކަށް ވެގެންދާނެ އެވެ.
ހަމަމިއާ އެކު، ކުޑަކުދިންގެ ޢަދުލުގެ ބިލަކީ ވެސް މުހިންމު ޤާނޫނެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ޒުވާނުން ގިނަ ޢަދަދަކަށް ނުރައްކާތެރި ކުށްކުރުމުގައި ޝާމިލުވެ އެވެ. ނަމަވެސް، ކުށްކުރާ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ކުށް މަދުކުރުމުގެ ޙާއްސަ ޕްރޮގްރާމްތަކެއް އަދި މިފަދަ ކުށްތަކަށް އަރައިގަންނަ ކުދިން އަލުން އަނބުރާ މުޖްތަމަޢުއަށް ގެނައުމުގެ މަސައްކަތްކުރާނެ ޕްރޮގްރާމްތަކެއް މިވަގުތަކު ނެތެވެ. ހަމައެއާ އެކު، ކުށްކުރާ ކުޑަކުދިން ބަންދުގައި ބަހައްޓާނެ ވަކި ޚާއްސަ ތަނެއް ނެތުމާއި، ޙުކުމް ތަންފީޒުކުރަން ޖެހޭ ކުދިން ބަންދުކުރާނެ ވަކި ޙާއްސަތަނެއް ވެސް މިވަގުތު ރާއްޖޭގައި ނެތްކަން ފާހަގަކުރަންޖެހެ އެވެ. މަތީގައި ފާހަގަކުރުވެނު ކަންކަމަށް ބަލާއިރު އަދި ކުޑަކުދިން ކުށްކުރާ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ދަށުން މިފަދަ ކުދިންނަށް ލިބެންވާ އެންމެހައި ޙައްޤުތައް އެންމެ ފުރިހަމައަށް ޙިމާޔަތްކުރެވިފައި ނުވާކަމާއި ކުށްކުރާ ކުދިން އަނބުރާ މުޖްތަމަޢުއަށް ނެރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް މަދުކަމެވެ.
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ އިޢުތިރާފްގެ މައްޗަށެވެ. އެހެންނަމަވެސް، ޤާނޫނު އަސާސީއަށް އައި ބަދަލާ އެކު މިހާރު ރާއްޖެ މިސްރާބު ޖަހާފައިވަނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިޢުތިރާފުގެ ބަދަލުގައި ހެކީގެ މައްޗަށް ޝަރީޢަތްކުރާ ނިޒާމަކަށެވެ. އެހެންކަމުން، ދުނިޔެ ޤަބޫލުކުރާ ޢުސޫލުތަކަށް ފެތޭ އަދި މިހާރުގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ހެއްކާ ބެހޭ ޤާނޫނެއް އޮތުމަކީ ކޮންމެހެން ވެސް ބޭނުން ކަމެކެވެ.
ފުރިހަމައަށް މަސައްކަތްކުރާ ހަރުދަނާ ޖިނާއީ ޢަދުލުގެ ނިޒާމެއް ބިނާވާނީ ހަރުދަނާ ގާނޫނުތަކެއްގެ މައްޗަށާއި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ކޯޓުތަކާއި، ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ޖަލުތަކާއި އަދި އަދުލު އިންސާފު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކާއި ފަރާތްތަކުގެ މައްޗަށެވެ. ހަމައެއާ އެކު، މިނިޒާމަކީ ޢާއްމު ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނިޒާމަކަށް ވުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކުށްކުރާ މީހުންގެ ކުށްތައް ތަޙްޤީޤުކުރެވި، ޝަރީޢަތަށް ހުށެހެޅި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދަބުދެވޭނެ ކަމުގެ ޔަޤީންކަން އޮންނަންޖެހެ އެވެ. މަގުތަކަކީ އަމާންތަންތަންކަމާއި ކުށްކުރާ މީހުން ވެސް ބޭނުންތެރި ބައެއްގެ ގޮތުގައި އެނބުރި މުޖުތަމަޢުއަށް ނުކުތުމުގެ ފުރުސަތު އޮތުމާ އެކު، އިންސާނީ ޙައްޤުތައް ހިމާޔަތް ވާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނަން ޖެހެ އެވެ. ޢާއްމުންގެ އިތުބާރު ހޯދުމަށް ފުރިހަމަ މަޢުލޫމާތާއި ތަފާތުނުވާނެ މިންގަނޑުތަކެއް އޮތްކަމުގެ ޔަޤީންކަން ބޭނުންވެ އެވެ. އެގޮތުން، ތަޙްޤީޤުކުރުމާއި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގައި އެންމެހައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ދެފުށްފެންނަ ޢަދުލުވެރި އިންސާފުވެރި އުޞޫލުތަކަށް ތަބާވާކަން ސާބިތުކޮށްދޭންޖެހެ އެވެ.
ކުށްކުރުން ހުއްޓުވުމަށް "ކޮންމެވެސް ކަމެއް ކުރުމަށް" ތަފާތު ފަރާތްތަކުން ފާޅުކުރަމުން ދިޔަ އިޙްސާސްތަކަށް އިޖާބަދިނުމުގެ ގޮތުން، މިއަހަރު ތެރޭގައި ވެސް އެކިފަރާތްތަކުން އަމަލުކޮށްފައިވާތަން ފެނެ އެވެ. އަދި ހަރުދަނާ ޝަރުއީ އަދި ގާނޫނީ ނިޒާމެއް ނެތުމުގެ ސަބަބުން، މިފަދަ ދަނޑިވަޅުގައި ބޮޑެތި މައްސަލަތަކަށް ކުއްލި ހައްލު ގެނައުމަށް ހަނިވިސްނުމުގައި މަސައްކަތްކުރެވިފައިވާ ތަން ފެނެއެވެ.
މީގެ ބަދަލުގައި ދިވެހިރާއްޖެ އަށް މިވަގުތަށް އެންމެ މުހިންމީ ފުރިހަމަ ޖިނާއީ ޢަދުލުގެ ޤާނޫނީ އޮނިގަނޑެކެވެ. ކުށް މަދުކުރުމަށް ފުރިހަމަ، އެންމެންގެ އެއްބާރުލުން ލިބިގެންވާ ހައްލެއް ހޯދުމަށް މިއަދު މަޖިލީހަށް މިވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އަދި މިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޝަރުޢީ ދާއިރާއާ ސަރުކާރުގެ އެއްބާރުލުން އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މި ބިލްތައް ފާސްކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިކަމަށް ބޭނުންވާ ފަންނީ އެހީ ފޯރުވާ ދިނުމަށް އދ. އާއި އެހެނިހެން ފަރާތްތަކުން ތިބީ ތައްޔާރަށެވެ. އެހެންނަމަވެސް، މިކަމަށް މިހާރު އެންމެ ބޭނުންވަނީ، ސިޔާސީ ފަރާތްތަކުން މި ބިލްތައް ޤައުމީ މަސްލަޙަތުގައި ފާސްކޮށް ނިންމުމަށް އަޒުމްކަނޑައެޅުމެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށް އަޅުގަނޑު ގޮވާލަނީ މި ބިލްތައް މުހިންމު ކަމެއްގެ ގޮތުގައި ބައްލަވައިގަނެ، ވީހާ ވެސް އަވަހަށް ފާސްކޮށްދެއްވުމަށެވެ. އަދި މެންބަރުންގެ ޚިޔާލުތަފާތުވުންތަކާއި މެދު ބިނާކުރަނިވި ގޮތެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، މަޖިލީހަށް ބިލްތައް ހުށަހަޅުއްވައިގެން މިކަން ފުރިހަމަ ކޮށްދެއްވު މެވެ.
ނޯޓް: މިއީ ރާއްޖޭގައި ހުންނަ އދ. އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އެންޑްރޫ ކޮކްސް ލިއުއްވާފައިވާ، އޭނާގެ އަމިއްލަ ހިޔާލެކެވެ.