ރާއްޖޭގައި އޮޕަރޭޓް ކުރާ ހުރިހާ އެއާލައިންތައް ހިމެނޭ ގޮތަށް އެއާލައިން އޮޕަރޭޓާސް ކޮމިޓީއެއް އުފައްދައިފިއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ އެ ކޮމިޓީގެ ބޭނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ހުރިހާ އެއާލައިނެއްގެ އޮޕަރޭޝަންސްތަކަށް ދިމާވާ މައްސަލަތަކާއި ހުރަސްތައް ހައްލު ކުރުން ކަމަށެވެ. އަދި އެ ކޮމިޓީއަކީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ކޮންމެހެން އޮންނަން ޖެހޭ ކޮމިޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ކޮމިޓީގެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން އިންތިޚާބެއް ބޭއްވީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އެއަށްފަހު ކޮމިޓީ ވަނީ ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ.

މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ކޮމެޓީގެ ޗެއާގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ އިއްތިހާދު އެއާވޭސް އެވެ. އެގޮތުން ކޮމިޓީގެ އެ އެއާލައިން ތަމްސީލު ކުރައްވާނީ އެ އެއާލައިނުގެ އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ރިޔާޒު އެވެ.

ރިޔާޒު ވިދާޅުވީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ހުރިހާ އެއާލައިންތަކެއް އެ ކޮމިޓީގައި ބައިވެރިވާ ކަމަށެވެ.

"މިއީ އަޔާޓާގެ ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި އޮންނަން ޖެހޭ ކޮމިޓީއެއް. މި ކޮމިޓީ އުފެދިގެން މިއައީ ދެ އަހަރާ ތިންއަހަރާ ދެމެދުގެ ބްރޭކަކަށް ފަހު. ކޮމިޓީ އުފެއްދުމުގައި ސިވިލް އެސޯސިއޭޝަންގެ ދައުރު ވަރަށް ބޮޑު،" ސަން އާ ވާހަކަ ދައްކަވަމުން ރިޔާޒި ވިދާޅުވިއެވެ.

މިމަހުގެ އަށް ވަނަ ދުވަހު ރަސްމީކޮށް މި ކޮމިޓީގެ ޚިދުމަތް ފަށާފައިވާއިރު، މި ކޮމެޓީގެ ބޭނުމަކީ އެއާޕޯޓުގެ ސެކިއުރިޓީއާއި ބެގެޖް ކޮންޓްރޯލްއާއި ގްރައުންޑް އޮޕަރޭޝަންސް އަދި އެއާޕޯޓުގެ އޮޕަރޭޝަންސް ދާއިރާގެ ހުރިހާ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމެވެ.