14 Feb 2017, 14:44
އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ޖެނުއަރީއާ އަޅައިބަލާއިރުު 40 ޕަސެންޓު އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ 66.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ޓެކްސް ނަގައިގެން ލިބުނީ 47.4 މިލިއަން ރުފިޔާއެވެ.
އެއާޕޯޓު ސާވިސް ޗާޖަކީ އެއާޕޯޓުން ދޭ ޚިދުމަތްތަކަށް ނަގާ ޓެކުހެކެވެ. މި ޓެކްސް ހިމަނަނީ ފުރާ ޕަސިންޖަރުންގެ ޓިކެޓުގައެވެ. ޓިކެޓު ނަގާ އިރު މި ޓެކްހަށްވާ ފައިސާ ދައްކަން ޖެހެއެވެ. އެގޮތުން އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ދިވެހިންގެ އަތުން ނަގަމުން އަންނަނީ 12 ޑޮލަރެވެ. ބިދޭސީންގެ އަތުން ނަގަނީ 25 ޑޮލަރެވެ.
މިދިޔަ އަހަރު ނިމުނު އިރު މި ޓެކްސް ނަގައިގެން ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރާ އަޅައިބަލާއިރު 8.2 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 537.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެހާސްފަނަރަ ވަނަ އަހަރު އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 496.6 މިލިއަން ރުފިޔާއެވެ.
އެއާޕޯޓު ސާވިސް ޗާޖުގެ އިތުރުން މިއަހަރުން ފެށިގެން އިތުރު ޓެކުހެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ، އޭޑީސީއެފްއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ނަގާނީ އެއާޕޯޓުން ފުރާ ކޮންމެ ދިވެހި ޕަސިންޖަރެއްގެ އަތުން އިތުރު 12 ޑޮލަރުގެ މަގުންނެވެ. އެ އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން އޭޑީސީގެ ގޮތުގައި އިތުރު 25 ޑޮލަރު ނަގާނެ އެވެ.