27 Jun 2011, 22:58
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަކަން އޭނާ އަށް އެނގެން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދީ، އެމަނިކުފާނަށް ވަރަށް ބޮޑަށް ލޭބާ ޕާޓީން ފާޑުކިޔައިފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނަނީ، މަސްތުވާތަކެއްޗާ ދެކޮޅު ހެދުމުގެ ބައިނަލް އަގުވާމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި އެ ޕާޓީގެ ރައީސާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ އެމަނިކުފާނުގެ "ހިތްޕުޅުގައި އުފެދިފައިވާ ޒާތީ ހަސަދައާއި ރުޅިވެރިކަން ކުރިއަށް ނެރުއްވައި" ކަމަށެވެ. އަދި އެންމެ ހަރުކަށި އިބާރާތުން ޕާޓީގެ ފަރާތުން އެކަން ކުށްވެރިކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ހުދުމުހްތާރު ރައީސުލްޖުމްހޫރިއްޔާ ގ. ކެނެރީގޭ މުހައްމަދު ނަޝީދު މި ޖަލްސާގައި ދެއްކެވި ވާހަކައިގާ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރުކުރާ ބައެއްގެ ގޮތުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ފުލުހުން އަތުލައިގަތް ފަރާތްތަކާ މި ޕާޓީގެ ރައީސާއި ގުޅުންތަކެއް ހުރިކަމަށް އިޝާރާތްކުރައްވާ ދައްކަވާފައިވާ ވާހަކަފުޅުތަކުން އެނގި ކަށަވަރުވެގެން ދަނީ، ރައީސް ނަޝީދަކީ ގާނޫނެއް އިންސާފެއް ދެނެވަޑައިގަންނަވާ ފަރާތެއް ނޫންކަމެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކުގެ ބޮލުގައި އެކިއެކި އިލްޒާމުތައް އަޅުވައި، އެ ފަރާތްތަކަށް ނުހައްގު އަދަބުދީ އަނިޔާވެރިވުމުގެ އުސޫލަކީ ރައީސް ނަޝީދު މި ރާއްޖޭގެ ވެރިކަމުގައި ދެމިހުރުމަށްޓަކައި ތަންފީޒުކުރަން ބޭނުންވާ ހުދްމުހްތާރު އުސޫލެއްކަމެވެ،" އެޕާޓީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މީހަކު ކުއްޔަށް ހިފައިގެން އެމީހެއްގެ އަމިއްލަ ބެލުމާއި ޒިންމާގެ ދަށުގައި ހިންގަމުން އަންނަ ތަނެއް ތަޅުލައިގެން ސިއްރިޔާތުގައި ކުރަމުން ގެންދާ ކަމެއްގެ ޒިންމާ އެހެން ބަޔަކު ނުވަތަ މީހަކު އުފުލަން ނުޖެހޭނެ ކަމަށް އެޕާޓީން ބުނެ އެވެ. އަދި ހ. ފަށަންގައި ބަޔަކު ކުއްޔަށް ހިފައި ދިރިއުޅެމުން އަންނަ ފްލޯ އެއްގައި ހިނގާ ގާނޫނާ ހިލާފު އަމަލެއްގެ ޒިންމާ އެކަން ނުވެސް ދެނަހުރި އެގޭގެ ވެރިފަރާތުން އުފުލަން ޖެހޭނަމަ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރެވޭ މަތިންދާބޯޓު ފަހަރާ ކަނޑުބޯޓު ފަހަރުގެ ވެރީން ނުވަތަ މާލިމީންނާ ކެޕްޓަނުންވެސް އެ އުޅަނދު ފަހަރުގައި އެތެރެކުރެވޭ އެފަދަ ތަކެތީގެ ޒިންމާ އުފުލަން ޖެހުނީސް ކަމަށް އެޕާޓީން ބުނެފައިވެ އެވެ.
"އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމު ގަދަބާރުން ހޯއްދަވައިގެން ހުންނެވި ރީކޯ މޫސާމަނިކުގެ އަމިއްލަ ކާރުގައި ކޭސްކޭހުން އެތައް ސަތޭކަފުޅިއެއްގެ ބަނގުރާ އުފުލަމުންދަނިކޮށް ފަޅާއެރި މައްސަލައިގެ ޒިންމާ ރީކޯ މޫސާމަނިކު އުފުއްލަވަން ޖެހޭނެ ވާހަކަ ޖަލްސާތަކުގައި ދައްކަވަން ރައީސް ނަޝީދަށް ކެރިވަޑައިނުގަންނަވަނީ ކީއްވެތޯއެވެ؟ ލޭބާ ޕާޓީގެ ބަޔާނުގައި ސުވާލުކޮށްފައިވެ އެވެ. އަދި "ރައީސް އޮފީހުގެ ބޮޑުންނާ ދައުލަތުގެ ސިޔާސީ އިސްމަގާމުތަކުގައި ތިއްބަވާ ބައެއް ބޭބޭފުޅުން ވެބްކެމްކުރިމަތީ ބަރަހަނާވެ ވަޑައިގެން" އެ ހިންގަވާ ހުތުރުކަން ބޮޑު އަމަލުތަކުގެ ޒިންމާ ސަރުކާރުގެ އޮފީސްތަކުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސް ނަޝީދު އުފުއްލަވާނެ ވާހަކަ އަމިއްލަފުޅަށް ވިދާޅުވާން ނުކެރިގެން އުޅުއްވަނީ ކީއްވެތޯ ވެސް އެބަޔާނުގައި ސުވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން "ވަޒީރުން ދިރިއުޅުއްވާ އެޕާޓްމަންޓުތަކުގައި ރާބޮއި ޅަފުރާގެ އަންހެންކުދީން ރޭޕްކޮށް ހަދަމުން ދަނިކޮށް ބޭޒާރުވާ މައްސަލަތަކުގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ ވާހަކަދައްކަވަން ރައީސް ނަޝީދު ހަނދުމަފުޅު ނުހުންނަނީ ކީއްވެތޯ" ވެސް އެޕާޓީން ސުވާލުކޮށްފައިވެ އެވެ.
"މި ސަރުކާރުގެ ތެރޭގައި ތިއްބަވައި ބޮޑެތި ވައްކަންތަކާ ޖަރީމާތަކާ ފާހިޝް އަމަލުތައް ފާޅުގައި ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރެވުމުގެ ބަދަލުގައި އެފަދަ ކޮންމެ ފަރާތަކަށްވެސް އިތުރު މަގާމުތަކާ ބޮޑެތި މުސާރަތައް ދެއްވަމުން ގެންދަވާ ވާހަކަ ރައީސް ނަޝީދަށް އަމިއްލަ ފުޅަށް ދައްކަވަން ކެރިވަޑައިގަންނަވާނެތޯއެވެ؟ އަމިއްލަ ކޯޓުތައް އުފައްދައި ޝަރުއީ ދާއިރާ ގަޑުބަޑުކުރާނެ ވާހަކަޔާ ކޯތްތަކުގައި ތަޅު އަޅުވާނެ ވާހަކަދައްކައި ފަނޑިޔާރުންނާ އިންޒާރުދީ ހަދާ ޖަލްސާތަކުގެ ރިޔާސަތުގައި އެވާހަކަތަކަށް ތަރުޙީބުދެއްވާ އަތްޖައްސަވަން ރައީސް ނަޝީދު އިންނެވުމަކީ ކިހާވަރެއްގެ ގާނޫނީ ޒިންމާއެއް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަން ރައީސް ނަޝީދަށް ހަމަ ވިސްނި ވަޑައި ނުގަންނަވަނީ ތޯއެވެ؟" އެބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ސަރުކާރާއެކު ކުރިން ކޯލިޝަން ހަދައިގެން މަސައްކަތްކުރަމުން އައި ލޭބާ ޕާޓީން ރައީސް ނަޝީދު ސިފަކޮށްފައިވަނީ "ވެރިކަމުގެ ބާރުގެ ބޭނުން ނާޖާއިޒްގޮތުގައި ހިއްޕެވުމަށްޓަކައި ރަޙުމްކުޑަ ގޮތްފޮތްނެތް މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވޭ ގޭންގެއް ހައްދަވައިގެން އެ ގޭންގުގެ އެހީތެރިކަމާއެކު ވެރިކަން ހިންގަވާ އަނިޔާވެރިއެއް"ގެ ގޮތުގަ އެވެ. އަދި ބުނެފައިވެ އެވެ: "އެހެންކަމުން، އެ ގޭންގުގައި ހިމެނޭ އެއްވެސް މީހަކު ހިންގާ އެއްވެސް ޖުރުމެއްގެ މައްސަލަބަލައި ޒިންމާވާ ފަރާތްތައް ހޯދުމަކީ ދުވަހަކުވެސް ރައީސް ނަޝީދަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އެ ގޭންގުގެ މީހަކު އިންތިހާބަކުން ބަލިކޮށް އެމްޑީޕީގެ މަތީ މަގާމަކަށް އަންނަ ކޮންމެ މީހަކަށްވެސް އަހުވަ ދައްކާ ދަތިކޮށް މަގާމުން ބޭރުކުރާ މަންޒަރު މިދަނީ ތަކުރާރު ވަމުންނެވެ،"
އެޕާޓީން ބުނާ ގޮތުގައި، ސަލީމް އިދިކޮޅަށް ދެއްވި ވޯޓެއްގެ ސަބަބުން "އެ ގޭންގުގެ މެންބަރަކު" ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރަކަށް ނުހޮވުމުން ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަނިޔާވެރިކަން ކުރިއަށް ނެރުއްވައި "ސަލީމްގެ ކިބައިން ބަދަލު ހިއްޕެވުމުގެ ނޭއްގާނީ" މަގުސަދުގައި އެވެ.
"މިއީ ފިރުއައުނާ ނަމްރޫޒާ ދިޤްޔާނޫސް ފަދަ އަނިޔާވެރި ޖައްބާރުގަދަ ރަސްރަސްކަލުންވެސް ގެންގުޅުނު އުސޫލުތަކާ ހަމަތަކެވެ،" އެޕާޓީން ބުނެފައިވެ އެވެ.
މީގެ އިތުރުން މިހާރު ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެވެސް ނާޖާއިޒް ބޭނުން ހިއްޕަވައި، ސުޕްރީމްކޯޓުގައި ތަޅު އަޅުވައި، ޖޭއެސްސީ ހިސާރުކޮށް، ކޯޓުގެ އަމުރުތައް މުގުރާލައި، ގާނޫނީ އިމުން ބޭރުން އެތައް ކަމެއް ތަންފީޒުކޮށް، ދައުލަތުގެ މުދަލާ ފައިސާ އިން ހިޔާނާތްތެރިވުމުގެ ފުރުސަތުތައް "އެ ގެންގުޅުއްވާ ގޭންގު"ގެ މެންބަރުންނަށް ހުޅުވާލައްވާފައިވާ ކަމުގެ ސާބިތު ހެކިތައް ހުރުމުގެ ސަބަބުން ދާދި އަވަހަށް ވެރިކަން ދޫކޮށްލައްވައި ދިގު މުއްދަތުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަން ފަށަން ޖެހިދާނެ ކަމުގެ ވަރުގަދަ އިންޒާރެއްވެސް އެމަނިކުފާނަށް ލޭބާ ޕާޓީން ދީފައިވެ އެވެ.
"މި ޕާޓީގެ ރައީސް އަހުމަދު ސަލީމަކީ ސަރުކާރުގެ ހިދުމަތާ އިޖްތިމާއީ ހިދުމަތުގައި ދިގުމުއްދަތެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކެރިގެން ވަކާލާތުކުރައްވަވާ ބޭފުޅެކެވެ. އެމަނިކުފާނު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރައްވާފައިވާކަން ސާބިތުވާ އެއްވެސް ރެކޯޑެއް ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކު މިއަދާ ހަމަޔަކަށް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ.
އަދި މި ވެރިކަމުގައި ޒާތީ ޙަސަދަ ކުރިއަށް ނެރެ އެކިއެކި ކުށުގެ އިލްޒާމުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވުމަށް ރައީސް ނަޝީދު ރާވަމުންގެންދާ ރޭވުންތަކަކީވެސް ހަގީގަތެއްނެތް ކަންތައްތަކެއްކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދިވެހި ރައްޔިތުންނަށް ޔަގީންވެ ހާމަވެގެންދާނެއެވެ،" އެޕާޓީން ބުނެފައިވެ އެވެ.