14 Feb 2017, 13:38
ދިވެހި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކޮށްފި އެވެ.
ބީއެމްއެލް ބާޒާރު ބްރާންޗު ހުންގާ ސީޓްރެކްސް ބިލްޑިންގައި އިއްޔެ ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ އެކުންފުނިން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ބޭންކުން ބުނި ގޮތުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި 30 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވެ އެވެ.
ލޭ ހަދިޔާ ކުރުމަށް ބީއެމްއެލް އިން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި ލޭ ހަދިޔާ ކުރި ބައެއް މުވައްޒަފުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އިއްޔެ ބޭއްވި އެ ޕްރޮގްރާމުގައި ލޭ ހަދިޔާ ކޮށްފައި ވަނީ ތެލެސީމިޔާ ކުދިންނަށެވެ. އެ ހަރަކާތުގައި ލޭ ހަދިޔާ ކުރި މުވައްޒަފުންނަށް "އަހަރެންގެ ބޭންކް" ކެމްޕެއިންގެ ޚާއްސަ ހަދިޔާ ވެސް ދީފައިވެ އެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައަށް ކުރާ ފައިދާތައް ކިޔައިދިނުމެ ބޭނުމުގައި ފެށި ކެމްޕޭނެކެވެ. އެ ކެމްޕޭނުގައި މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.