އިސްލާމްއާބާދު (ފެބްރުއަރީ 14): އިސްލާމީ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ވެލެންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފި އެވެ.

އިސްލާމްއާބާދުގެ ހައި ކޯޓުން ނެރުނު އަމުރެއްގައި ވަނީ ސަރުކާރު އޮފީސްތަކުގަ އާއި އާއްމުން އެއްވެ އުޅޭތަންތަނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފަ އެވެ. އަދި އެ ދުވަސް ޕްރޮމޯޓުކޮށް، ދުވަހާ ބެހޭ ހަފްލާތައް ކަވަރު ނުކުރުމަށް މީޑިއާތަކަށް އަމުރުކޮށްފަ އެވެ.

ކޯޓުން އެފަދައިން ނިންމީ ލޯބިވެރިންގެ ދުވަހަކީ އިސްލާމް ދީނުން ދަސްކޮށްދޭ ކަންތަކާ ހިލާފު ކަންތައް ޕްރޮމޯޓު ކުރާ ދުވަހެއް ކަމަށް ބުނެފައިވާ ޕެޓިޝަނެއް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެއީ އިސްލާމްއާބާދުގައި ލޯބިވެރިންގެ ދުވަސް މަނާ ކުރި ފުރަތަމަ ދުވަހެވެ. މިދިޔަ އަހަރު ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ކޯހަތުގައި އެދުވަހާ ގުޅުން ހުރި ކާޑު ފަދަ ތަކެތި ވިއްކުން މަނާ ކުރި އިރު އެދުވަސް ފާހަގަ ކުރުން ޕިޝާވަރުގެ ލޯކަލް ކައުންސިލުން މަނާކުރި އެވެ. (ބީބީސީ)