14 Feb 2017, 13:23
ދިއްލީ (ފެބްރުއަރީ 14): އިންޑިއާގެ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާ ޖަޔަރާމްގެ ގާތް އެކުވެރިޔާ ސަސީކަލާ ނަތަރާޖަންގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލައެއްގައި ހަތަރު އަހަރުގެ ޖަލު ހުކުމެއްކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ޖަޔަލަލީތާ އަވަހާރަވުމާ ގުޅިގެން ޓަމިލް ނާޑޫގެ ވެރިކަން ކުރާ އޯލް އިންޑިއާ އަންނާ ޑްރާވިޑާ މުންނެތުރާ ކަޅަގަމް (އޭއައިއޭޑީއެމްކޭ) އިން ވަނީ ޕާޓީގެ ލީޑަރު ކަމަށް ސަސީކަލާ އައްޔަންކޮށްފަ އެވެ.
ބަރުލަމާނީ ނިޒާމެއްގެ ދަށުން ހިންގާ އިންޑިއާގެ ސްޓޭޓުތަކުގައި، ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކީ ސްޓޭޓުގެ ޗީފް މިނިސްޓަރެވެ.
ޗީފް މިނިސްޓަރު ކަމަށް ސަސީކަލާ އައްޔަނުކުރާތީ ޓަމިލް ނާޑޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.
އަދި ޖަޔަލަލީތާ އަވަހާރަވުމުން ވަގުތީ ގޮތުން ޗީފް މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަސީކަލާއަށް ފުރުސަތު ދެއްވުމަށް ޓަކައި މަގާމުން އިސްތިއުފާ ދެއްވި އޮއްޓަކާރަ ޕަނީރުސެލްވަމް އޭނާ ކަމަށާއި، ރައްޔިތުންނާއި ޕާޓީގެ މެމްބަރުން އަދި ގާނޫނު ހަދާ މަޖިލީހުގައި ޕާޓީ ތަމްސީލުކުރާ ބޭފުޅުން އެދޭނަމަ، އެ އިސްތިއުފާ އަނބުރާ ގެނެސް، މަގާމު އަނބުރާ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް ވާނެ ބޭފުޅަކާ ބެހޭ ގޮތުން ސުވާލު އުފެދުނެވެ.
ނަމަވެސް ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވާ ފަރާތަކަށް ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު ހަ އަހަރު ވަންދެން އިންތިހާބެއްގައި ވާދަ ނުވެވޭނެ ކަމަށް އިންޑިއާގެ ގާނޫނުތަކުގައި ވާތީ ސަސީކަލާއަށް ދެން އެއްވެސް އިންތިހާބެއްގައި ވާދަ ކުރެވޭނީ 10 އަހަރު ފަހުންނެވެ. (ބީބީސީ)