ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެއާ ސޮސައިޓީއަށް 150000 ރުފިޔާގެ ފައިސާގެ އެހީއެއް ވެ ދީފި އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕެއިންގެ ދަށުން ހަދިޔާ ކުރި އެ ފައިސާ ކެއާ ސޮސައިޓީއާ ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ކެއާ ސޮއައިޓީއަށް މިއަދު ވެދިން އެހީއަކީ، ބީއެލްއެލްގެ "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕެއިންގެ ދަށުން މުޖުތަމައުއަށް އެހީވެ ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މިއަދު ދެވުނު އަދަދަކީ، އެ ބޭފުޅުންގެ ޕްރޮގްރާމުތައް ހިންގުމަށް ރަނގަޅު އަދަދަކަށް ވެގެން ދާނެ ކަމަށް. އަދި މިއީ ގިނަ ރާއްްޖޭގެ އާއިލާތަކަކަށް އޭގެ ފައިދާތަކެއް ކުރާނެ ކަމަކަށް،" ސައީދު ވިދާޅުވި އެވެ.

ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝާ މުހައިމިން ވިދާޅުވީ، މިއަދު ބީއެމްއެލްއިން ދިން ފައިސާ ބޭނުން ކުރާނީ، ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ތަކަށާއި، ޕްރޮގްރާމް ތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.

އަހަރެންގެ ބޭންކު، ދިވެހިންގެ ބޭންކު ކެމްޕެއިންގެ ދަށުން ބީއެމްއެލްއިން ދަނީ މުޖުތަމައުއަށް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.