14 Feb 2017, 10:44
އުތުރުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި ވަނީ، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގެ އިތުރުން އެއަތޮޅު ފީވަކަށްވެސް ވަރަށް ބޮޑަށް އުދަ އަރައިފައެވެ. އޭގެ ސަބަބުން ބައެއް ގެތަކަށް ގެއްލުންލިބި ފީވަކުގެ ދަނޑުބިންތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) ޑައިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ، މެދު ރާއްޖެތެރެއާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް މިދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކަކީ މެންދަމާއި މެންދުރުގެ ވަގުތުތަކެވެ.
އޭނާ ވިދާޅުވީ، މޫސުމަށް މާކަ ބޮޑު ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް އަންނަ ބުރާސްފަތީގެ ނިޔަލަށް އެގޮތަށް ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުން ލަފާކުރާގޮތް:
ކުރިއަށްއޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެއެވެ. ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަގަޅުވާނެއެވެ.
އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ވައިޖެހޭނެ ކަމަށް ލަފާ ކުރާއިރު އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ގައުމީ މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ.