ގދ. ތިނަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ސައިކަލަކުން ޖެހި އަށް އަހަރުގެ ފިރިހެން ކުއްޖެއްގެ ފައި ބިންދައިގެން ހިނގައްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރުފަހު 3:55 އެހާކަންހާއިރު ތިނަދޫ ރަންނަބަނޑޭރި މަގުގައި ހިނގި ސައިކަލް އެކްސިޑެންޓުގައި އަނިޔާވި ފިރިހެން ކުއްޖާގެ ވައަތު ފައިގެ ކަށިމަތިން ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުއްޖާގެ ބޯ ފަޅައިގެން ގޮސް، ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ 29 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ އަތުގައި ލައިސަންސް ނެތް ކަމަށާއި ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ ހުޅަނގުން އިރަށް ސައިކަލް ދުއްވައިފަ ދަނިކޮށް އެ ސަރަހައްދުގައި ހުރި ކުޑަކުދިންގެ ޕާކުން އެ ފިރިހެން ކުއްޖާ ކުއްލިއަކަށް ދުވެފައި ނުކުތް ވަގުތު ސައިކަލުން ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްފައި އޮތް އަށް އަހަރުގެ އެ ކުއްޖާގެ ފައިގެ އޮޕަރޭޝަން މިރޭގެ ވަގުތެއްގައި ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.