14 Feb 2017, 10:17
މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާ އިން ހޭލުންތެރިކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވަން ބިލިއަން ރައިޒިން" ކެމްޕެއިން ހިންގާ ދުވަސްވާއިރު ރާއްޖޭގައި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ޒުވާނުން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ވަން ބިލިއަން ރައިޒިން ކެމްޕެއިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ނާޖާއިޒު ފައިދާ ނެގުމަށް ކުރެވޭ މަސައްކަތްތަކާއި އަނިޔާތަކުން އަންހެނުން ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ތެދުވާ ތެދުވުމެކެވެ.
ފެމެލީ ލީގަލް ކުލިނިކާއި ގައުމީ ޔުނިވާސިޓީގެ ސުޓޫޑެންޓް ޔޫނިއަން ގުޅިގެން ގެވެށި އަނިޔާގެ ގާނޫނަށް ވަނީ އެޔުނިވާސިޓީގައި ގާނޫނީ ދާއިރާ އިން ކިޔަވާ 22 ކުއްޖަކު ހޭލުންތެރިކޮށްފަ އެވެ.
ފެމިލީ ލީގަލް ކުލިނިކްގެ ކޯ ފައުންޑާ އަދި ގާނޫނީ ވަކީލް ޝަފީއާ ރިޒާ ސަން އަށް ވިދާޅުވީ އެތަމްރީނު ލިބިގެންދާ ކުދިންނަކީ ފަރުދީ އުސޫލުން ހިލޭ އަނިޔާ ލިބިގެންދާ ފަރާތްތަކަށް ގާނޫނީ ލަފާ ދިނުމުގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް ވެގެންދާނެ ކަމަށެވެ.
"ގެވެށި އަނިޔާ ހުއްޓޫވުމުގެ އަމުރަކަށް އެދުމުގެ ފޯމެއް ފުރަން އެކުދިންނަށް އެނގޭނެ، ގެވެށި އަނިޔާއަކީ ކޮބައިކަން ކިޔަވައިދޭން އެކުދިންނަށް އެނގޭނެ، ގެވެށި އަނިޔާ ލިބޭ މީހުން އެހީ ހޯދުމަށް ދާންވިތަން ކިޔައިދޭން އެބޭފުޅުންނަށް އެނގޭނެ،" ޝަފީއާ ވިދާޅުވި އެވެ.
އެ ޕްރޮގުރާމް ފުރިހަމަ ކުރި ބައިވެރިއެއްކަމަށްވާ އައިމިނަތު އީމާން އަބްދުލް ގަފޫރު ވިދާޅުވީ އެތަމްރީނުތަކުގައި ގިނަ އެއްޗެހިތަކެއް ދަސްވެގެންދިޔައިރު ކުރިއަށްއޮތް ތަނުގައި މީހުންނަށް ގާނޫނީ ލަފާ ދޭނެ ކަމަށެވެ.
ގައުމީ ޔުނިވާސިޓީން ސްޓޫޑެންޓް ޔޫނިއަންއިން ނިންމާފައި ވަނީ އެޔުނިވާސިޓީގައި ކިޔަވާ އެތައް ކުދިންނެއް ގެވެށި އަނިޔާއަށް ހޭލުންތެރިކޮށް މީހުންނަށް އެހީތެރިވުމަށް ނެރުމަށެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް އާންމު މައްސަލަތަކެކެވެ. އެފަދަ ބައެއް ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.