ވޮޝިންޓަން (ފެބްރުއަރީ 14): އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކެލް ފްލިން އިސްތިއުފާ ދެއްވައިފި އެވެ.

ރޭގެ ވަގުތެއްގައި ފްލިން އިސްތިއުފާ ދެއްވީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ފްލިން ވަނީ އެ ވާހަކަތަކާ ބެހޭ ގޮތުން ސަރުކާރުގެ އިސް އޮފިޝަލުންނަށް އޮޅުވާލައިފަ އެވެ. އަދި ރަޝިއާ އިން ފްލިން ބްލެކްމެއިލް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ވައިޓް ހައުސްއަށް މީގެ ކުރިން އިންޒާރު ދީފައި ކަމަށް އެރިޕޯޓުތަކުގައިވެ އެވެ.

އެމެރިކާގެ އާއްމު ރައްޔިތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ނެގޯޝިއޭޓު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. ފްލިން މިދިޔަ އަހަރު ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވި އިރު އޭނާ އަދި ސަރުކާރުގެ މުޝީރަކަށް އައްޔަންކޮށްފައި ނުވެ އެވެ.

ރަޝިއާގެ ސަފީރާ އެކު ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބުނާ ރިޕޯޓުތައް ފްލިން ވަނީ ފުރަތަމަ ދޮގުކުރައްވައިފަ އެވެ. އަދި ނައިބު ރައީސް މައިކް ޕެންސް ވެސް ވަނީ މީޑިއާއާ ވާހަކަ ދައްކަވަމުން އެރިޕޯޓުތައް ދޮގު ކުރައްވައިފަ އެވެ.

ނަމަވެސް އޭގެ ފަހުން ފްލިން ވަނީ ރަޝިއާގެ ސަފީރާ އެކު ދެއްކެވި ވާހަކަފުޅުގައި ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

"ގަސްތަކާނުލައި އަޅުގަނޑު ވަނީ، އަޅުގަނޑާއި ރަޝިއާގެ ސަފީރާ ދެމެދު ކުރިއަށްދިޔަ ފޯނު ކޯލާ ބެހޭ ގޮތުން ނައިބު ރައީސާއި އެހެން ފަރާތްތަކަށް ފުރިހަމަ ނޫން މައުލޫމާތު ދީފައި. އެކަމަށް އަޅުގަނޑު ވަނީ ރައީސާއި ނައިބު ރައީސުގެ ފަރާތުން މާފަށް އެދިފައި އަދި އެ ދެ ބޭފުޅުން ވަނީ އަޅުގަނޑަށް މާފު ކުރައްވާފައި،" މަގާމުން އިސްތިއުފާ ދެއްވަމުން ފްލިން ވިދާޅުވި ކަމަށް ސީއެންއެންގައިވެ އެވެ.

ފްލިން މަގާމަށް އައްޔަން ކުރިތާ އަދި އެއް މަސް ދުވަސް ވެސް ނުވާ ކަމުން އޭނާއަކީ އެމެރިކާގެ ފަހުގެ ތާރީހުގައި އެންމެ ކުޑަ ދުވަސްކޮޅަކަށް އިސް މުޝީރެއްގެ މަގާމު އަދާކުރެއްވި ބޭފުޅާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޖެނެރަލް ޖޯސެފް ކީތް ކެލޮގް ވަނީ ވަގުތީ ގޮތުން ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް އައްޔަންކޮށްފަ އެވެ. (ބީބީސީ)