ވައިޓް ހައުސް(ފެބްރުއަރީ 14): ރެފިއުޖީންނާ އަދި މުހާޖިރުންނާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވަނީ ހަރުކަށި ސިޔާސަތުތަކެއް ކަމަށާއި އެ ސިޔާސަތުތައް ކެނެޑާއިން ގަބޫލުނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖެސްޓަން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯ މިހެން ވިދާޅުވީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި ޓްރަމްޕާ ވައިޓްހައުސްގައި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. ޓްރޫޑޯ ވިދާޅުވީ، ރެފިއުޖީންނާ އަދި ހިޖްރަކުރާމީހުންނާމެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ދެބޭފުޅުންނަށް އެއްބަސްވެ ވަޑައިނުގެންނެވުނު ކަމަށާއި ނަމަވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށްގެންދިޔުމުގައި ދެބޭފުޅުންނަށް ގިނަ ކަންތައްތަކަށް އެއްބަސްވެވުނު ކަމުގައެވެ.

ޓްރޫޑޯ ވިދާޅުވީ، ކެނެޑާއަކީ އެކިގައުމުތަކުން އައި ރެފިއުޖީންނާއި ހިޖްރަކުރި މުހާޖިރުންގެ މައްޗަށް ބިނާވެފައިވާ ގައުމެއް ކަމަށާއި އެހެންކަމުން ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ހާލުގައިޖެހި ބިކަވަމުންދާ މީހުން (ރެފިއުޖީން) ހިޖްރަކުރުމަށް މަރްހަބާ ކިޔުންމަތީ މުސްތަގްބަލްގައިވެސް ކެނެޑާ ދެމިއޮންނާނެކަމުގައެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ކެނެޑާއަށް ހިޖްރަކުރަން ބޭނުންވާ ފަގީރުންނާއި ނިކަމެތިންނާއި ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހޭ ރެފިއުޖީންނަށް ކެނެޑާއިން ހިޔާވަހިކަމުގެ އިތުރުން ރައްޔިތުކަމުގެ ހައްގުވެސްދޭނެ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ.

ކެނެޑާއެކޭ އެއްގޮތަށް އެމެރިކާއަކީވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިޖްރަކުރި ރެފިއުޖީންނާއި މުހާޖިރުންގެ މައްޗަށް ބިނާވެފައިވާ ގައުމެކެވެ. އެމެރިކާގެ ދޮންމީހުންނަކީވެސް އަސްލު އެމެރިކާގެ ދަރިކޮޅުގެ ބައެއްނޫނެވެ. ދޮންމީހުންނަކީ ޔޫރަޕުން އެމެރިކާއަށް ހިޖްރަކުރި ބައެކެވެ. އެމެރިކާގެ އަސްލު މީހުންނަކީ ރެޑް އިންޑިޔަނުންނެވެ. ދޮންމީހުން މީގެ ތިންސަތޭކަ ވަރަކަށް އަހަރުކުރިން ޔޫރަޕުން އެމެރިކާގެ ބިމަށް ހިޖްރަ ކުރުމަށްފަހު އެމެރިކާގެ އަސްލު ރައްޔިތުންކަމަށްވާ ރެޑްއިންޑިޔަނުންގެ ހައްގުތަކަށް އަރައިގަނެ އެމީހުންވަނީ ނިކަމެތި ކޮށްލައިފައެވެ. އަދި އެމެރިކާގައި ދިރިއުޅޭ ކަޅުމީހުންނަކީވެސް ދޮންމީހުން ޔޫރަޕުން އެމެރިކާއަށް ހިޖްރަކުރުމަށްފަހު އަޅުންގެ ގޮތުގައި ގެންގުޅުމަށް އެފްރިކާއިން ގެނައި ބައެކެވެ.

ޓްރޫޑޯ އާއެކު ބޭއްވި ނޫސްކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއަކީ ގައުމީ ސަލާމަތާބެހޭ އެތަށް މައްސަލަތަކެއް ކުރިމަތިވަމުންދާ ގައުމެއް ކަމަށްވާތީ އެމެރިކާ ބޭނުންވާ ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ހައްގު އެމެރިކާއަށް ލިބިގެންވާކަމުގައެވެ. އަދި "ނުބައިމީހުން" އެމެރިކާއަށް އެރުމުގެ ފުރްސަތު ނުދިނުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތަށް ކަމަށްބުނެ އެމެރިކާގެ ގައުމީ ސަލާމަތް ހިމާޔަތް ކުރުމަށްކަމަށް ވިދާޅުވެ ޓްރަމްޕް އެކަށައެޅުއްވި ސްޓްރެޓެޖީ ތަންފީޒު ކުރުމަށްޓަކައި އިސްލާމީ 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމަށް އޭނާ ނެރުއްވި ރިޔާސީ އަމުރު ވޮޝިންޓަންގެ ކޯޓަކުންވަނީ ބާތިލްކޮށްފައެވެ.

މި ބާތިލްކުރުމާ ދެކޮޅަށް ޓްރަމްޕް އެމައްސަލަ ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން ކޯޓުންވަނީ އެމައްސަލަ ބަލައިގަތުމަށްވެސް ދެކޮޅު ހަދައި ޓްރަމްޕް ހުއްޓުވާފައެވެ. ދެން ޓްރަމްޕަށް އޮތީ އެމެރިކާގެ ސްޕްރީމް ކޯޓަށް މައްސަލަ ގެންދެވުމެވެ. ނޫނީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ އެހެން އަމުރެއް ނެރުއްވުމެވެ. މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމުގެ އެހެން ރިޔާސީ އަމުރެއް ނެރުއްވުމާމެދު ޓްރަމްޕް ވިސްނަވަމުންދާކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ނަމަވެސް ޓްރަމްޕް ނެރުއްވަން އުޅުއްވާ ދެވަނަ އަމުރުވެސް ކޯޓުން ނުހުއްޓުވާނެކަމުގެ ޔަގީންކަން ނެތްކަމަށް ޚަބަރުތައް ބުނެއެވެ. (ނޫސްއެޖެންސީތައް)