ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލަށް ރަންބީރު ކަޕޫރު ހަމަޖެއްސުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައިފައެވެ. އެއްގޮތަކަށް ވެސް ރަންބީރުގެ ހުނަރު ނެތިގެނެއްް ނޫނެވެ. ސުވާލު އުފެދުނީ ދެ މީހުންގެ ހަށިގަނޑުގައި ހުންނަ ބޮޑު ފަރަގުގެ ސަބަބުންނެވެ.

ސަންޖޭ ދަތަކީ ބިޔަ ހަށިގަނޑެއް ހުންނަ މީހަކަށް ވީއިރު، ރަންބީރު ފެންނަނީ ހިކި ކޮށެވެ. އެހެންކަމުން ޚުދު ސަންޖޭ ވެސް ވަނީ އޭނާގެ ރޯލަށް އެންމެ އެކަށޭނަ އެކްޓަރަކީ ރަންބީރުތޯ ސުވާލު އުފައްދައިފައެވެ.

ނަމަވެސް އެ ސުވާލުތަކަށް މިހާރު މިވަނީ ޖަވާބު ލިބިފައެވެ. ސަންޖޭގެ ރޯލު ކުޅުމަށް ރަންބީރު އޭނާގެ ހަށިގަނޑު ވަރުގަދަކޮށް ބަރުދަން 13 ކިލޯ ވަނީ އިތުރު ކޮށްފައެވެ.

ރަންބީރުގެ ބަރުދަން އިތުރު ކުރި ޚަބަރު މީގެ ކުރިން އިވިފައި ވީނަމަވެސް، އޭރު ރަންބީރުގެ އެއްވެސް ފޮޓޯއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ ރަންބީރުގެ ފޮޓޯތަކެއް އާންމުވެފައެވެ. އެއާއެކު، ރަންބީރަކީ ސަންޖޭގެ ރޯލަށް އެންމެ ފިޓު އެކްޓަރުތޯ ސުވާލު އުފެއްދި މީހުންގެ އަނގަތައް މިވަނީ ބަންދުވެފައެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ރަންބީރުގެ މޫނާއި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ އައިސްފައެވެ. އަދި މިހާރު ސަންޖޭ އާއި ރަންބީރު ވައްތަރު ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސަންޖޭގެ ކެރެކްޓަރ އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ރަންބީރު ވަނީ ސަންޖޭ ދަތު ފެނިގެންދާ 250 ގަޑިއިރަށް ވުރެ ދިގު ފުޓޭޖްތަކެއް ވެސް ބަލައިފައެވެ. އޭގެ ތެރޭގައި ސަންޖޭގެ ފިލްމުތަކާއި، އިންޓަވިއު ތަކާއި ވީޑިއޯތައް ހިމެނެ އެވެ.

އެ ފިލްމުގައި ސަންޖޭގެ ހަޔާތުގެ ތިން ދައުރެއް ދައްކުވައިދޭ އިރު، ތިން ދައުރަށް ރަންބީރުގެ ހަށިގަނޑު ވެސް ބަދަލު ކުރަން ޖެހެއެވެ. އެއީ ސަންޖޭގެ ޅަ ދުވަސްވަރާއި، ފިލްމީ ދާއިރާގައި ހޭދަކުރި ދުވަސްތަކުގެ އިތުރުން ރިހެބްގައި ހޭދަކުރި ދުވަސްތަކެވެ.

ފިލްމުގެ ޝޫޓިން މިހާރު ފަށައިފައި ވާއިރު، ރަންބީރުގެ އިތުރުން ދެން ފިލްމުން ފެނިގެން ދާނީ ސޯނަމް ކަޕޫރު، ވިކީ ކޯޝަލް އަދި ޕަރޭޝް ރާވަލެވެ. އޭގެ އިތުރުން، އެކްޓްރެސް އަދި ޕްރޮޑިއުސަރު ދިއާ މިރްޒާ ވެސް މިހާރު ވަނީ ފިލްމަށް ސޮއިކޮށްފައެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގައެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.