އަރްޖުން ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމު، 'ހާފް ގާލްފްރެންޑް' ރިލީޒް ކުރާނެ ތާރީހު ކަނޑައަޅައިފި އެވެ.

އަރްޖުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމު ރިލީޒް ކުރާނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ޗެތަން ބަގަތުގެ ވާހަކަ 'ހާފް ގާލްފްރެންޑް' ގެ މައްޗަށް ހަމަ އެ ނަމުގައި އުފައްދާފައިވާ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ މޯހިތު ސޫރީ އެވެ.

އެ ފިލްމުގައި ޝްރައްދާ އަދި އަރްޖުން ފެނިގެން ދާނީ ބާސްކެޓް ކުޅުންތެރިންގެ ގޮތުގައެވެ. ރޯލަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ގޮތުން ޝްރައްދާ އާއި އަރްޖުން ވަނީ ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަންގައި، ދުނިޔޭގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންނާ އެކު ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

ތިން ބައްރުގެ ހަ ސްޓޭޓެއްގައި ކުރިއަށް ދިޔަ 'ހާފް ގާލްފްރެންޑް'ގެ ޝޫޓިން ނިންމާލާފައި ވަނީ 80 ދުވަހުންނެވެ.