27 Jun 2011, 18:51
މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވެފައިވާތީ މެންބަރުން ކޮމެޓީތަކަށް ބެހިގެންދާ ގޮތުން، އިދިކޮޅު ފިކުރުގައި ތިބި މިނިވަން މެންބަރުނާއި ސަރުކަރަށް ތާއިދު ކުރާ މިނިވަން މެންބަރުން ކޮމެޓީތަކަށް ބަހާލުމާ މެދު ހިޔާލުތަފާތުވުންތައް އުފެދި، ކޮމެޓީތަކުގެ މެޖޯރިޓީ ގެއްލިގެންދާނެ ކަމުގެ ބިރަށްޓަކައި އެމްޑީޕީ އާއި ޑީއާރްޕީ/ޕީއޭ ކޯލިޝަނުން ދެބަސްވުން އުފެއްދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީގުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެންދިއުމުން ކޮމެޓީތަކަށް މެންބަރުން ބެހިގެންދާ ގޮތަށް ބަދަލު ގެންނަން ޖެހުމުން ވޭތުވެދި ތިން ހަފްތާގައި ވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ އެކު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މިނިވަން މެންބަރުންގެ ތެރެއިން މަންދޫބަކު ދަނީ އެ މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ބެހިގެންދާނީ މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެ ގޮތުން މިހާރު މަޖިލީހުގައި ޕާޓީތަކުގެ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް މަޖިލީހުގެ 45 ޕަސެންޓް ލިބިފައިވާ އިރު ޑީއާރްޕީ/ޕީއޭ ކޯލިޝަން 39 ޕަސެންޓް މަޖިލީހުގައި ލިބިގެންދެ އެވެ. އެ ނިސްބަތުން މިނެކިރާނަމަ މަޖިލީހުގެ ކޮންމެ ކޮމެޓީއެއްގެ 11 ގޮނޑީގެ ތެރޭއިން އެމްޑީޕީއަށް ފަސް ގޮނޑި ލިބެ އެވެ. ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް ކޮންމެ ކޮމެޓީއަކުން ހަތަރު ގޮނޑި ލިބޭނެ އެވެ. އަދި ކޮންމެ ކޮމެޓީއެއްގައި ހިމެނޭ ބާކީ ދެ ގޮނޑި ބެހިގެންދަނީ މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީގެ މެންބަރުގެ އިތުރުން މިނިވަން އަށް މެންބަރުންގެ މައްޗަށެވެ.
ހިޔާލުތަފާތުވުންތައް އުފެދި ހައްލު ނުލިބިގެން އުޅެނީ އެ މައްސަލައިގަ އެވެ. އެ މެންބަރުން ކޮމެޓީތަކަށް ބަހާލުމާމެދުގަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( ވިދާޅުވީ މި އަހަރުގެ ދެވަނަ ދައުރުގެ ފެށުނު އިރު، މަޖިލީހުގެ މެޖޯރިޓީއަށް ބަދަލު އައިސްފައި ވުމުން އަމިއްލަ ބައެއް މެންބަރުން ތިބޭނެ ކޮމެޓީތައް އެ ބޭފުޅުން އަމިއްލައަށް ނިންމާފައިވާ ކަމަށެވެ. އަދި އެގޮތުން ބައެއް ކޮމެޓީތަކުގައި އަމިއްލަ މެންބަރުންނާއި ކުދި ޕާޓީތަކުން ތިން، ހަތަރު މެންބަރުން ތިބެން ބޭނުންވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންގެ ތެރެއިން ކޮމެޓީއަށް ހޮވާނެ ދެ މެންބަރަކާ ވެސް ހިޔާލުތަފާތުވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"ކޮމެޓީތަކަށް އަހުމިއްޔަތުދޭ ނިސްބަތައް ބަލާއިރު، އަމިއްލަ މެންބަރު ވެސް އެއް ކޮމެޓީއަކަށް ތިން ހަތަރު މެންބަރަކު އެބަހުރި އަހުމިއްޔަތުދީފައި. އެހެންނަމަވެސް އެތަނުގެ ތެރެއިން ނަގާނީ ކޮން މެންބަރެއްތޯ، މީ އަޅުގަނޑުމެނަށް ނުނިއްމިގެން އުޅޭ މައްސަލަ،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީ އާއި ސަރުކާރު ޖަވާބުދާރި ކުރުވާ ކޮމެޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބެން ބޭނުން ނުވާ ކަމަށެވެ.
އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވީ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބިގެން ނުދަނީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ދޫނުދޭތީ ކަމަށެވެ. ނަމަވެސް ކޮމެޓީތައް ހުއްޓިފައިވާ މައްސަލާގައި މިއަދުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމުގެ އިންޒާރު ދިނުމާ އެކު މަޝްވަރާތަކުގައި ދޫދޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަދި މިއަދު ހަވީރު މަޝްވަރާތައް ވަރަށް ހޫނުކޮށް ދިޔަ ކަމަށް މޫސަ ވިދާޅުވި އެވެ.
މަޖިލީހުގެ އަމީން އާންމު މުހައްމަދު އަހުމަދު ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިއަދު ހަވީރު ވެސް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވާ ކޮމެޓީތަކާއި އެހެނިހެން ކޮމެޓީތަކުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވާ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމުގައި ދޫދޭން ބޭނުން ނުވާ ކަމަށެވެ.
ތަސްމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ކޮމެޓީއާއި ބިލްތަކާ ބެހޭ ކޮމެޓީގެ ޗެއާއަކަށް ހުންނަވަން ޖެހޭނީ އިދިކޮޅު މެންބަރެއް ކަމަށެވެ.
އަދި އޭނާ ވިދާޅުވީ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭ ނަމަ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލަ އަށް ގޮތެއް ނިންމަން ޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ.