ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭރު ގައުމެއްގެ ސެންޓްރަލް ބޭންކާ އެކު ފުރަތަމަ ފަހަރަށްކަރަންސީ ސްވޮޕެއްހަދައިފިއެވެ.

ކަރަންސީ ސްވޮޕްއަކީ އެއް ގައުމުން އަނެއް ގައުމަކަށް ފޯރުކޮށްދޭ ފައިނޭންސް ފެސިލިޓީއެކެވެ. އެމްއެމްއޭގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް 100 މިލިޔަން ޑޮލަރު ސްވޮޕް ކޮށްދީފައެވެ.

އޭނާ ވިދާޅުވީ، ސާކް ގައުމުތަކަށް އެ ފެސިލިޓީ ފޯރުކޮށްދޭ ފައިނޭންޝަލް ފްރޭމްވޯކެއް އިންޑިއާގެ ރިޒާވް ބޭންކުން ހަމަޖައްސާފައިވާ ކަމަށެވެ.

"އިންޑިއާގެ ސެންޓްރަލް ބޭންކުން އިންނަނީ ސާކް މެމްބަރު ގައުމުތަކަށް، ރާއްޖެ ހިމެނޭ ގޮތަށް، ބެލެންސް އޮފް ޕޭމެންޓްގެ ކަންކަމާ ރިޒާވް މެނޭޖްމެންޓް ކަންކަމަށް މިފަދަ ފެސިލިޓީސް ހުޅުވާލާފައި،" އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ އޮފިޝަލު ވިދާޅުވީ، ޖީއެމްއާރަށް ފައިސާ ދެއްކުމަށްޓަކައި އެމްއޭސީއެލްގެ ބޮންޑެއް، 140 މިލިޔަން ރުފިޔާއަށް އެމްއެމްއޭއިން ގަތީ ރާއްޖޭގެ ރަސްމީ ރިޒާވުން ކަމަށާއި، ކަރަންސީ ސްވޮޕް ބޭނުންކުރީ އެކަމާ ގުޅިގެން ކަމަށެވެ.

"އެމްއޭސީއެލްގެ ޕޭމެންޓް ހެދުމަށް 140 މިލިޔަން ރުފިޔާގެ ބޮންޑެއް ގަތިން. ރިޒާވް ބޭނުންކޮށްގެން އެ ފައިސާ ނެގީ. އެއީ ކުއްލި ބަދަލު މެނޭޖު ކުރުމަށްޓަކައި ކަރަންސީ ސްވޮޕް ފެސިލިޓީއެއް ބޭނުންކުރީ. މިއީ އާންމުކޮށް އެހެން ސެންޓްރަލް ބޭންކުތަކުން ވެސް ބޭނުންކުރާ މަނިޓަރީ އިންސްޓުމެންޓެއް،" އޭނާ ވިދާޅުވިއެވެ.

މި މުއާމަލާތުގެ ދަށުން އިންޑިއާގެ ރިޒާވް ބޭންކުން އެމްއެމްއޭއަށް 100 މިލިޔަން ޑޮލަރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފޯރުކޮށްދިން އިރު، ރާއްޖެއިން ވަނީ 100 މިލިޔަން ޑޮލަރަށް ވާ ވަރަށް ދިވެހި ރުފިޔާ، އިންޑިއާގެ ރިޒާވް ބޭންކަށް ދީފައެވެ.

އެމްއެމްއޭގެ އޮފިޝަލު ވިދާޅުވީ މި މުއާމަލާތުގެ ދަށުން ދިވެހި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި 100 މިލިޔަން ޑޮލަރު އިންޑިއާއަށް ދޭނެ ކަމަށާއި، އަދި އެ މުއްދަތު އިތުރު ތިން މަސް ދުވަހަށް އިތުރު ވެސް ކުރުމުގެ އިޚްތިޔާރު ރާއްޖެއަށް އެބަ އޮތް ކަމަށެވެ. ރާއްޖެއިން އެ ފައިސާ އަނބުރާ ދައްކަނީ ތިން ޕަސަންޓުގެ އިންޓްރެސްޓަކާ އެކުއެވެ.

"އެ ފައިސާ ޕޭ ބެކް ކުރާ އިރު، ދައްކާ ފައިސާއާ އެއްވަރަށް އިންޑިއާއިން ދިވެހި ރުފިޔާތައް ދެމުން ދާނެ. އަދި އަނބުރާ ދޭ އިރުގައި ރާއްޖެއިން އިންޓްރެސްޓް ޕޭ ކުރާނެ. އެ ރޭޓަކީ ތިން ޕަސަންޓުގެ، ފްލެކްސިބަލް ރޭޓެއް،" އެމްއެމްއޭގެ އޮފިޝަލު ވިދާޅުވި އެވެ.

ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައި އޮތް އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން، ދިވެހި ސަރުކާރުން ޖީއެމްއާރަށް 271 މިލިޔަން ޑޮލަރު ދެއްކުމަށް، ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމް ކުރި އެވެ. އެ ފައިސާ، އެމްއޭސީއެލުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖީއެމްއާރަށް ދެއްކީ، އެމްއެމްއޭއަށް ބޮންޑު ވިއްކައިގެން ލިބުނު 140 މިލިޔަން ރުފިޔާއާ ވެސް އެކުގައެވެ.

އެމްއެމްއޭއިން އެމްއޭސީއެލްގެ ބޮންޑު ގަތް މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 434.5 މިލިޔަން ޑޮލަރެވެ. ބޭނުންކުރެވޭ ރިޒާވްގައި ހުރީ 110.6 މިލިޔަން ޑޮލަރެވެ. ނަމަވެސް އިންޑިއާގެ ރިޒާވް ބޭންކުން ކަރަންސީ ސްވޮޕް ހެދުމުން ޑިސެމްބަރު މަހުގައި ރާއްޖޭގެ ރިޒާވްގައި ހުރި ފައިސާ 467.1 މިލިޔަން ޑޮލަރަށް، އަދި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ 200 މިލިޔަން ޑޮލަރަށް އުފުލުނެވެ.