13 Feb 2017, 15:54
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ބައިއަތު ހިފައިގެން ތިއްބެވި ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ތުލުސްދޫ ބިންހިއްކުމުގެ މަޝްރޫޢު ނިންނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކައުންސިލަރުންނަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ކަންތައްތަކެއް ކޮށްދޭ ބައެއްކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް ބައިއަތު ހިފައިގެން ތިއްބެވި ކައުންސިލަރުން ހޮވަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ލޯކަލް ކައުންސިލް އިންތިހާބު މިހާރު ބޯމަތިވަމުން މި އަންނަނީ. މިރަށުގެ ރައްޔިތުންވެސް އަދި މުޅި ރާއްޖޭގެ ރައްޔިތުންވެސް އެބަ ޖެހޭ މިފުރުސަތުގެ ބޭނުން ހިފައި ރައީސުލްޖުމްހޫރިއްޔާއަށް ބައިއަތު ހިފައިގެން ނުކުމެތިބި ކައުންސިލަރުންތައް ހޮވަން އެބަޖެހޭ. ރާއްޖޭގެ ތަރައްގީއަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކައުންސިލަރުންނަކީ،" މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ތުލުސްދޫގެ ތަރައްގީއަށް ކޮށްދޭ ކަންތައްތަކުން ރަށުގެ ރައްޔިތުންނަށް ނަފާ ލިބޭނެ ކަމަށާއި ބިން ބޭނުން ކުރާނެ ގޮތް ކަނޑައެޅިފައިވާތީ އެއާ އެއްގޮތަށް ރަށުގެ ތަރައްގީތައް ފެނިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ތުލުުސްދޫއަށް ދެން އެންމެ ބޮޑަށް ބޭނުންވާ، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި، މޭ މަހުގެ ތެރޭގައި އެ މަސައްކަތްވެސް އެއްކޮށް ނިިންމާލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.