13 Feb 2017, 15:29
އިކޮނޮމިކް މިނިސްޓްރީން ދޭ ބައެއް ޚިދުމަތްތައް އައުޓްސޯސްކޮށްގެން ދޭނެ އަމިއްލަ ފަރާތްތައް ނުވަތަ ބިޒްނަސް ސާވިސް އޭޖެންޓުން މި މަހުގެ ތެރޭގައި އަނެއްކާވެސް ހޯދާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ދޭ ރެޖިސްޓްރޭޝަން ޚިދުމަތްތަކާއި ބައެއް ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ބައެއް ހިދުމަތްތައް އައުޓްސޯސްކޮށްގެން ކޮށްދޭނެ އަމިއްލަ ފަރާތްތަކެއް އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ތެރޭގައި އަމިއްލަ ކޮންސަލްޓަންޓުންނާއި، ވިޔަފާރި ކޮންސަލްޓަންސީ ދޭ ކުންފުންޏަކާއި، ލޯ ފާމްތަކާއި އޮޑިޓް ފާމްތަކެއް ހިމެނޭ ގޮތަށް ނުވަ ފަރާތަކަށް ހުއްދަ ދިނެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މި ހަފްތާގައި ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓް މަހު ބިޒްނަސް ސާވިސް ކޮންސަލްޓަންޓްކަމުގެ ހުއްދަ އޯގަސްޓް މަހު ދިނީއްސުރެ، އޯގަސްޓް މަހާ ހަމައަށް ޚިދުމަތް ދެމުން އައީ ނުވަ ފަރާތުގެ ތެރެއިން ތިން ފަރާތަކުން ކަމަށެވެ.
"ޑިސެމްބަރުގެ ނނިޔަލަށް ބެލި އިރު އާންމުކޮށް ޚިދުމަތް ދެނީ ތިން ބަޔަކު. ދެން ތިބީ އެކި ސަބަބުތަކާ ހުރެ އެހާ ބޮޑަށް މީގެ ތެރެއަށް ވަދެފައި ނުވާ ފަރާތްތައް. ނުވަ އޭޖެންޓުންވެސް ކޮންމެވެސް ސިފައެއްގައި މިކަމުގައި ހަރަކާތްތެރިވޭ. އެކަމަކުވެސް އިތުރު ފަރާތްތައް ހޯދަން މި މަހުގެ ތެރޭގައި އެބަ އިއުލާން ކުރަން،" ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ މިނިސްޓްރީން ބޭނުންވަނީ ބިސްނަޒް ސާވިސް އޭޖެންޓުންގެ ގޮތުގައި އަބަދުވެސް 10 ފަރާތަކުން ހަރަކާތްތެރިކޮށް ތިބުން ކަމަށެވެ.
ބިޒްނަސް ސާވިސް އޭޖެންޓުންގެ މަސްއޫލިއްޔަތަކީ އިކޮނޮމިކް މިނިސްޓްރީން ދޭ ބައެއް ޚިދުމަތްތައް، ވެލިއު އެޑެޑް ސާވިސްއެއްގެ ގޮތުގައި ފޯރުކޮށްދިނުމެވެ.
"ޕްރައިވެޓް ސެކްޓަރުން ސަރުކާރުގެ މި ޚިދުމަތްތައް ދޭނީ ވެލިއު އެޑެޑް ސާވިސްއެއްގެ ގާއިމުކުރަނީ. މިސާލަކަށް ޚިދުމަތް މާ އަގުބޮޑީ، ނުވަތަ އެބޭފުޅުންނަށް ހުށަހަޅާ ލިޔުންތައް މިނިސްޓްރީއާ ހަމައަށް ގެނައުމަށް މާ ގިނަ ދުވަސް ވަނީ. މިކަހަލަ ކަންކަން ހިނގާ ނަމަ، އާންމުންގެ އިންޓަރެކްޝަން މަދުވާނެ. މި ފަރާތްތަކުގެ މާކެޓިންގް ވެސް މެޓާ ކުރާނެ އެބޭފުޅުންނާއި މިކަމުގެ ސަކްސެސްއަށް،" ވިސާމް ވިދާޅުވިއެވެ.
މިނިސްޓްރީން ބިޒްނަސް ސާވިސް އޭޖެންޓުން ތައާރަފުކުރީ، އެހެން ބަޔަކު ލައްވައި އެ މަސައްކަތްތައް ކުރުމުން މިނިސްޓްރީގެ މަސައްކަތަށް ލުއި ކުރުމަށެވެ.