ތަދޫ ސްޓޭޑިއަމަށް ކަރަންޓު ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަރަންޓު ޖެހުނު ފެނަކައިގެ ދެ މުވައްޒަފުންގެ ތެރެއިން ހާލު ސީރިއަސްވި މީހާގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންނަން ނިންމައިފިއެވެ.

އެ ހާދިސާގައި ކަރަންޓު ޖެހުނީ ފެނަކައިގެ ހިތަދޫ ބްރާންޗުގައި ޓެކްނީޝަނުންގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު ނާޒިމާއި މުހައްމަދު މުނައްވަރެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދިނީ މުހައްމަދު ނާޒިމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ނާޒިމްގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ މިހާރު އޮތީ ވޯޑުގައި ކަމަށެވެ. އަދި އޭނާގެ އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހާދިސާއާ ގުޅިގެން ފެނަކައިން ވަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައެވެ. އަދި އޭގެ އިތުރުން އެކުންފުނިން ވަނީ އެ ހާދިސާ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށްވެސް ހުށަހަޅައިފައެވެ.