27 Jun 2011, 18:40
ސްކޫލްގެ އޯވަރޯލް ނަތީޖާ ރަނގަޅުކޮށް، އެވޯޑް ހޯދުމުގެ ބޭނުމުގައި ދަށް ނަތީޖާ ލިބޭ މާއްދާތަކުން އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިކުރަން ބައެއް ސްކޫލްތަކުން ހުރަސް އާޅާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭގެ ބައެއް ބޮޑެތި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަށުން މާކްސް ލިބިފައިވާ މާއްދާތައް ސްކޫލް ނަމުގައި، އިމްތިހާނު ހެދުމަށް ފުރުސަތެއް ނުދެ އެވެ. އެގޮތުން ސަރުކާރުން ފައިސާ ނުދެއްކިޔަސް، އަމިއްލައަށް ފައިސާ ދައްކައިގެން ބައިވެރިވުމަށް އެދުމުން ވެސް ބައެއް ސްކޫލުތަކުން އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭ ކަމަށް އެ ބެލެނިވެރިން ބުންޏެވެ.
އެ މައްސަލަ އެ ބެލެނިވެރިން ވަނީ އެޑިއުކޭޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ސަން އަށް މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ، ސުކޫލް އިމްތިހާނުތަކުގައި ދަށްކޮށް މާކްސް ލިބޭ ކުދިން ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޯ ލެވަލް އިމްތިހާނުގައި ބައިވެރިކުރަމުން އަންނަ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރަނީ ބައެއް ސުކޫލްތަކުގެ ބޯޑުން ބެލެނިވެރިންނާ ވާހަކަދައްކައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..ބައެއް ސުކޫލްތަކުގައި ބޯޑުގެ މަޝްވަރާގެ މަތިން ބައެއް ކުދިން ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި ބައިވެރިކޮށްގެން މިދިޔަ އަހަރު ވެސް އަޅުގަނޑުމެންނަށް ޝަކުވާ ލިބުނު،" ޑރ. ނަޒީރު ވިދާޅުވި އެވެ.
ނަމަވެސް، ސަން އިން ވާހަކަ ދެއްކި ބައެއް ސްކޫލްތަކުގެ ބޯޑު މެމްބަރުން ވަނީ އެކަން ކުރަނީ ހުރިހާ ސްކޫލްތަކުގެ ބޯޑަށް އެނގިގެން ނޫން ކަމަށް ބުނެފަ އެވެ.
އެޑިއުކޭޝަނުގެ ނައިބު ވިދާޅުވި ގޮތުގައި ސްކޫލްތަކުން އެގޮތަށް އަމަލުކުރަނީ ކޮންމެ އަހަރަކު ވެސް ބާއްވާ "ޓޮޕް އެޗީވާޒް އެވޯޑު"ގައި ސުކޫލުން ރަނގަޅު ވަނަތަކެއް ހޯދުމަށެވެ. އަދި އެ ގޮތަށް އަމަލުކޮށްފައިވާ ސުކޫލްތައް މިފަހަރުގެ އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑުން ބާކީ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ސްކޫލްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް ތުހުމަތު ކުރެވުނު ގޮތުގައި އެކަހަލަ ކަމެއް ކުރަންޏާ ކުރާނީ އެއީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ ނިސްބަތުން ފާސްވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށް ޓަކައި ބައިވެރިކުރުވާ ކުދިން މަދުކުރުމަށް،" ނަޒީރު ވިދާޅުވި އެވެ.
ޑރ. ނަޒީރު ވިދާޅުވީ ސުކޫލްތަކުން އެގޮތަށް ނިންމަނީ އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް ހުއްދައެއް ލިބިގެން ނޫން ކަމަށާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތަކީ ހުރިހާ ކުދިންނަށް ވެސް އުނގެނުމުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.
"ސެންޓަރުތަކުގައި ބައިވެރި ނުކުރުވާކަށް އެއްވެސް އިރުޝާދެއް އެޑިޔުކޭޝަނުން ދީފައެއް ނޯންނާނެ. އެއީ ކަނޑައެޅިގެން އަޅުގަނޑުމެން އެކަމާ ދެކޮޅު ހަދާކަމެއް. ދަށް ކުދިން މޮޅެތި ކުދިން ތަފާތުކޮށްގެން ކިޔަވައިދިނުން އެއީ އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތެއް ނޫން،" ޑރ. ނަޒީރު ވިދާޅުވި އެވެ.
މީގެ ކުރިން ޓޮޕް އެޗީވާޒް އެވޯޑުގައި ސުކޫލްތަކަށް ވަނަދެމުން އައީ އެ ސުކޫލަކުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންގެ ޖުމްލަ ނިސްބަތަށް ބަލައިގެންނެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ވަނަ ދޭން ފަށާފައި ވަނީ އެ ސްކޫލެއްގެ ގްރޭޑް 10ގައި އެ އަހަރު ކިޔެވި ހުރިހާ ކުދިންގެ ނިސްބަތަށް ބަލައިގެންނެވެ.
ޑރ. ނަޒީރު ވިދާޅުވީ، އެގޮތަށް ވަނަދިނުމުގެ ކްރައިޓީރިއާ ބަދަލުކުރުމުން ދަށް ނަތީޖާ ލިބޭ ކުދިން އޯ ލެވެލް އިމްތިހާނުގައި ބައިވެރިކުރަން ސްކޫލްތަކުން ހުރަސް އަޅާ ގޮތް މަދުވެފައިވާ ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނަނީ، ސްކޫލް ނަމުގައި ބައެއް މާއްދާތަކުގެ އިމްތިހާނުގައި ބައިވެރިވުމަށް ފުރުސަތު ނުލިބުމުން އެކުދިން ޕްރައިވެޓް ކެންޑިޑޭޓުން ގޮތުގައި ބައިވެރިވާން ފޯމް ހުށަހަޅާ ކަމަށެވެ. ނަމަވެސް، އެގްޒެމިނޭޝަން ގަވައިދު ބުނާ ގޮތުން "ދެ ސެންޓަރެއްގެ ނަމުގައި އެއް ކުއްޖަކަށް އެއް ސެޝަނެއްގައި" ބައިވެރި ނުކުރެވޭނެތީ އެކުދިންނަށް އެ ފުރުސަތު ނުދެވޭ ކަމަށް ވެސް އެޑިޕާޓްމަންޓް އިން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި އެގްޒެމިނޭޝް ޑިޕާޓްމަންޓް އިން މިހެން ބުނި ނަމަވެސް ބައެއް ބޮޑެތި ސްކޫލްތަކުން މިކަން ދޮގުކުރެ އެވެ. އެހެންނަމަވެސް، ދަށުން މާކްސް ލިބޭ މާއްދާތައް "ޑްރޮޕް" ކޮށްލަން ދަރިވަރުންނަށް ނަސޭހަތްދޭ ކަމަށް ބައެއް ސްކޫލްތަކުން ބުންޏެވެ.
މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އަބްދުﷲ އިސްމާއިލް މިއަދު ވިދާޅުވީ، ގުރޭޑް 10ގައި ކިޔަވާ ހުރިހާ ކުދިންނަށް ވެސް ސުކޫލުގެ ނަމުގައި އޯލެވެލްގައި ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ބައެއް މާއްދާތަކުން ދަށް ކުދިންނަށް ކައުންސިލިން ދީ މާއްދާތައް ޑްރޮޕް ކުރުމަށް ނަސޭހަތްތެރިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
"މިތަނުން ޕްރައިވެޓް ކެންޑިޑޭޓުންނެއް ބައިވެރި އެއް ނުވާނެ. ހުރިހާ ކުދިންނަށް ވެސް ފުރުސަތު އޮންނާނެ ބައިވެރިވާން ސުކޫލްގެ ނަމުގައި. އެހެނެއްނޫން އަޅުގަނޑުމެން ބެލެނިވެރިޔާ ވެސް ގެނެސްގެން އިރުޝާދުދެން ދެން ބައެއް މާއްދާތައް ޑްރޮޕް ކުރުމަށް. އެކަމަކު އޭގައި ވެސް އޮންނާނެ އެކުއްޖާ ބޭނުމިއްޔާ ބައިވެރިވެވޭ ގޮތަށް. މި ސުކޫލުން ތިޔަގޮތަށް އަމަލެއް ނުކުރޭ،" އަބްދުﷲ އިސްމާއިލް ވިދާޅުވި އެވެ.
ހިރިޔާގެ ޕްރިންސިޕަލް އަލީ ނާޒިމް ވެސް މިއަދު ވިދާޅުވީ، އެޑިޔުކޭޝަނުން ކަނޑައަޅާފައި އޮންނަ މިންގަޑުގައި ވާގޮތުގެ މަތިން ވަރަށް ދައްކޮށް މާއްދާއަކުން ލިބޭ ކުއްޖަކަށް ރަނގަޅުގޮތަކީ ބައިވެރި ނުވުންކަމަށް ބުނެދީ ނަސޭހަތް ދޭ ކަމަށެވެ. ނަމަވެސް އެއްވެސް ކުއްޖަކު ބައިވެރި ނުކުރާނެ ކަމަށް ބުނެ ސްކޫލުގެ ނަމުގައި އިމްތިހާނުގައި ބައިވެރިކުރުމަށް ހުރަސް އަޅައިފަ ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަނގަޅުގޮތް ބުނެދިނުމުގެ ގޮތުން އެޑިޔުކޭޝަނުން ވެސް ކަނޑައަޅާފައި އޮންނަ ގޮތުގެ މަތިން ވަރަށް ދަށުން ލިބޭ ކުއްޖަކަށް ރަނގަޅު ގޮތް ބުނެދެން. މި ސުކޫލަކުން ކުއްޖެއް ކައިރި ބައިވެރި ނުވާށޭ ބުނަފައެއް ނުވާނެ. އަދި ނުވެސް ބުނާނެ." ނާޒިމް ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އާތިޔާ ނަސީރު މިއަދު ވިދާޅުވީ، އެ ސުކޫލުން އެއްވެސް އިރެއްގައި ވަކި ކުއްޖަކު ނޫނީ ކުދިންތަކެއް ގެނެސްގެން ވަކި މާއްދާއެއްގައި ބައިވެރިނުވުމަށް ކައުންސިލިންވެސް ނުދޭ ކަމަށާއި އަމީނިއްޔާއިން އަބަދުވެސް ހިތްވަރުދެނީ ހުރިހާ ކުދިން ވެސް އަމިއްލައަށް މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކަމަށެވެ.
"އެސެމްބްލީއެއްގައި ޖެނެރަލީ ބުނެފައި ހުންނާނީ ދަށުން އާންމު ގޮތެއްގައި މާއްދާއަކުން ލިބޭ ކުއްޖަކު ކޮންފިޑެންސް ނެތިއްޔާ ނޫނީ ޑްރޮޕްނުކުރާން. އެގޮތަށް އަޅުގަނޑުމެން ޖެނެރަލީ ބުނަނީ ވެސް އިގުތިސޯދު އެހާ ދަށް އިރު ބޭކާރު ގޮތުގައި ގައުމުން ބޭރަށް ފައިސާތަކެއް ގޮސްފާނެތީ. އަޅުގަނޑުމެން އެންކަރޭޖް ކުރަން ތިމަންނަގެ ކޮންފިޑެންސް އެބަހުއްޓޭ ބުނެ ނަތީޖާ ނެރެން އަޒުމް ކަޑައަޅައިގެން އެކަން ކުރާ ކުދިންނަށް. އެކަން އެބަހުރި އަޅުގަނޑުމެންނަށް ސާބިތުވެސް ކޮށްދީފައި. ހީނުކުރާ ކަހަލަ ރިޒަލްޓް އެބަހުރި ގެނެސްފައި،" އާތިޔާ ވިދާޅުވި އެވެ.