ފެނާންޑޯ ޓޮރޭސް ކާމިޔާބުކޮށްދިން ރީތި ގޯލާ އެކު 3-2ގެ ނަތީޖާ އަކުން ސެލްޓަ ވިގޯ ބަލިކޮށް ސްޕެނިޝް ލީގްގެ ހަތަރު ވަނައަށް އެތުލެޓިކޯ މެޑްރިޑް ޖެހިލާފި އެވެ.

ރޭގެ މޮޅާ އެކު އެތުލެޓިކޯ ވަނީ ރެއާލް ސޮސައިޑޭޑް ފަހަތަށް ޖައްސާލުމަށް ފަހު 42 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނަ އަށް އަރާފަ އެވެ. ތިން ވަނާގައި 46 ޕޮއިންޓާ އެކު ސެވިއްޔާ އޮތް އިރު ދެވަނާގައި އޮތް ބާސެލޯނާ އަށް ލިބެނީ 48 ޕޮއިންޓެވެ. އެހެން ޓީމްތަކަށް ވުރެން ދެ މެޗު މަދުން ކުޅެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލެއް ކާމިޔާބްކޮށް ލީޑް ނެގީ ސެލްޓާއިންނެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި ސެލްޓާއަށް އެ ގޯލު ކާމިޔާބްކޮށްދިނީ އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ގެސްޓުއާވޯ ކެބްރަލް އެވެ.

ސެލްޓާއިން ލީޑް ނެގިތާ ހަ މިނެޓް ފަހުން ޓޮރޭސް ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޓޮރޭސް އެގޯލު ކާމިޔާބްކުރީ ސެލްޓާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުއްޓާ ޔެނިކް ކެރެސްކޯ ދިން ބޯޅައެއް ގޯލާއި ފުރަގަސްދީގެން ހުރެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ. ޓޮރޭސް އެ ބޯޅަ ފޮނުވާލި އިރު ފުރަގަހުގައި ޑެފެންޑަރެއް ވެސް ހުއްޓެވެ. އަދި ބޯޅަ އައިސް ގޯލުގެ މަތީކަނަށް ވަތް އިރު ސެލްޓާގެ ކީޕަރު ހުރީ އެބޯޅަ ޓޮރޭސް ފޮނުވާލާނެ ކަމަށް ތައްޔާރު ނުވެ އެވެ.

ލީޑް އިތުރަށް ފުޅާ ކުރުމަށް އެތުލެޓީކޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޓޮރޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސެލްޓާއިން ވަނީ 78 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ލީޑް ނަގާފަ އެވެ. އެ ގޯލު ސެލްޓާއަށް ކާމިޔާބްކޮށްދިނީ ޖޯން ގިގެޓީ އެވެ.

އެތުލެޓިކޯ މޮޅުވި ގޯލު މެޗު ނިމެން ހަަތަރު މެނެޓަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބްކޮށްދިނީ ކަރެސްކޯ އެވެ. އެ ގޯލު ކާމިޔާބްކުރިތާ މިނެޓެއް ފަހުން އެންޓީނިއޯ ގްރިޒްމަން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެތުލެޓިކޯއަށް ލީޑް ފުޅާކޮށްދީފަ އެވެ.