13 Feb 2017, 12:51
ކޮޕީ ރައިޓްސް ގާނޫނަށް ކަމާ ގުޅުން ހުރި މުވައްސަސާތަކާއި ކުންފުނިތައް ހޭލުންތެރިކޮށް، އެ ދާއިރާގެ މެނޭޖްމެންޓް އެސޯސިއޭޝަނެއް އެކުލަވައިލުމުގެ ބެނުމުގައި ވޯކްޝޮޕެއް ފަށައިފި އެވެ.
މިއަދު ސޯލްޓް ކެފޭގައި ފެށި އެ ވޯކްޝޮޕަކީ ފަންނީ އަދި އަދަބީ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އެ އުފެއްދުންތަކުން ދާއިމީ ގޮތެއްގައި މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދިނުމުގެ ނިޒާމެއް އެކުލަވާލުމުގެ ގޮތުން، ކޮޕީ ރައިޓްސްގެ ގާނޫނުން ލިބިދޭ ހައްގުތަކާ ގުޅޭ ގޮތުން، ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް މައުލޫމާތު ދީ މެނޭޖްމަންޓް އެސޯސިއޭޝަނެއް އެކުލަވައިލުމުގެ ބޭނުމުގައި ބާއްވާ ވޯކްޝޮޕެކެވެ.
ދެ ދުވަހުގެ މުއްދަތަކަށް މިއަދު ފެށި އެ ވޯކްޝޮޕް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެސޯސިއޭޝަނެއް އެކުލަވާލާނީ އެކަމާ ގުޅޭ ގޮތުން ވިޔަފާރިވެރިންނާއި ސްޓޭކް ހޯލްޑަރުންގެ ހިޔާލު ވެސް ހޯދައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ކޮޕީ ރައިޓްސް ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން މިއަދު ފެށި ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ފިކުރީ މުދާ ރައްކާނުކުރެވިއްޖެ ނަމަ ގައުމު ތަރައްގީގެ ކުރިމަގަށް ހުސްކަމެއް އަންނާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އެސޯސިއޭޝަން އެކުލަވާލެވުމާ އެކު ޕްރައިވެޓް ސެކްޓާ ކޮޕީރައިޓްގެ ދާއިރާ ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މި ވޯކްޝޮޕަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޖަޕާނު ސަރުކާރު އަދި ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕްގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ވިޔަފާރިވެރިން ބައިވެރިވެ އެވެ.
ކޮޕީ ރައިޓްސް ގާނޫނު ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް އައިސްފައި ވަނީ 2010 ވަނަ އަހަރުގަ އެވެ. އެ ގާނޫނުގެ ދަށުން، ފައިދާ ހޯދުމުގެ ބޭނުމުގައި ހިމާޔަތްކޮށްފައިވާ އެއްވެސް އުފެއްދުމެއް އިންޓަނެޓަށް އަޕްލޯޑްކުރިކަން ސާބިތުވެއްޖެ ނަމަ ފަސްލައްކަ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.