13 Feb 2017, 12:35
ބާލިން (ފެބްރުއަރީ 13): ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ފޮރިން މިނިސްޓަރު ފްރޭންކް ވޯލްޓާ ސްޓައިންމަޔާ ރައީސް ކަމަށް އިންތިހާބުކޮށްފި އެވެ.
ޖަރުމަނުގައި ރައީސްގެ މަގާމަކީ ރަމްޒީ މަގާމެއް ނަމަވެސް ގައުމުން ބޭރުގައި ޖަރުމަނު ތަމްސީލުކޮށްދޭނީ އެ ގައުމުގެ ރައީސެވެ.
މީގެ ކުރިން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސްޓައިންމަޔާ އަކީ ޖަރުމަނުގެ އެންމެ މަގުބޫލު އެއް ސިޔާސީ ޝަހުސިއްޔަތެވެ. ސްޓައިންމަޔާ ރައީސް ކަމަށް އިންތިހާބުވީ ޖަރުމަނުގެ ފެޑެރަލް އެސެމްބްލީގެ 1،260 ވޯޓުގެ ތެރެއިން 931 ވޯޓު ކާމިޔާބުކޮށްގެންނެވެ.
އަންނަ މަހުގެ 19ގައި ރައީސްކަމުގެ ހުވާ ކުރައްވާނެ ސްޓައިންމަޔާ ޖަރުމަނުގެ ފޮރިން މިނިސްޓަރުކަން ކުރައްވާތާ އަށް އަހަރުވެއްޖެ އެވެ. ފޮރިން މިނިސްޓަރު ކަމުގެ ދެ ދައުރު ވެސް އޭނާ އަދާ ކުރައްވާފައި ވަނީ އެންޖެލާ މާކެލްގެ ޗާންސެލަރުކަމުގެ ދަށުގަ އެވެ.
މީގެ ކުރިން 2009 ވަނަ އަހަރު ސްޓައިންމަޔާ ވަނީ މާކެލްއާ ދެކޮޅަށް ސަރުކާރު އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ސްޓައިންމަޔާ ވަނީ ޑޮނަލްޑް ޓްރަމްޕަކީ ރުޅިވެރިކަން ފަތުރާ ބޭފުޅެއް ކަމަށާއި އޭނާ އިންތިހާބުވެއްޖެ ނަމަ އެމެރިކާ އާއި ޖަރުމަނުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާ ކުރައްވާފަ އެވެ. (ބީބީސީ)