އަންނަ ސީޒަންގެ ރެއާލް މެޑްރިޑް ސްކޮޑަކީ ވަރަށް ވަރުގަދަ ސްކޮޑެއްކަމާއި ސްޕެނިޝް ލަލީގާ ޗެމްޕިއަން އަދި ޔޫރަޕްގެ ޗެމްޕިއަން ބާސެލޯނާއަށް ރެއާލް މެޑްރިޑް ބަލިކުރުމަކީ ވަރަށް އުނދަގޫކަމެއްކަމަށް ހާމަކޮށް ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒީމާ ހާމަކޮށްފި އެވެ.

ދެހާސް ނުވަވަނަ އަހަރު ރެއާލް މެޑްރިޑްގެ ރައީސްކަމަށް ފްލޮރެންޓީނޯ ޕެރޭޒް އައުމަށް ފަހު އެތަކެއް ހަރަދެއްކޮށް މަޝްހޫރު އެތައް ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވެ އެވެ. މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑްގެ ތަރިން ހިމެނޭ ޓީމް ޕޯޗުގަލްގެ ކާމިޔާބީ ކޯޗް ޖޯސޭ މޮރީނިއޯއާ ހަވާލުކުރުމުން ވެސް އެޓީމަށް ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވާދަވެރި ބާސެލޯނާގެ މައްޗަށް ކާމިޔާބީ ހޯދިފައެއް ނުވެ އެވެ.

މޮރީނިއޯގެ ފުރަތަމަ ސީޒަންގައި މާ އެދެވޭ ކާމިޔާބީއެއް ރެއާލް މެޑްރިޑަށް ހޯދައިނުދެވުނު ނަމަވެސް އެ ޓީމު ކުރިއަރަމުންދިޔަ ކަމަށް މޮރީނިޔޯ ހާމަކޮށްފައިވެ އެވެ. މިސީޒަނަށް މޮރީނިއޯގެ ރެއާލް މެޑްރިޑްގެ ތަރިންގެ ސްކޮޑަށް އިތުރު ތަރިންތަކެއް ލައިގެން ކުރިއަށް ގެންދާނީ ކާމިޔާބީއާއެކު ކަމަށް ބެންޒީމާ ހާމަކުރި އެވެ.
އަންނަ ސީޒަންގައި ބާސެލޯނާ ބަލިކުރެވޭނެތޯ މީޑިޔާ އިން ބެންޒީމާއާއި ސުވާލުކުރުމުން ވަރަށް ޔަގީންކަމާ އެކު ވަރަށް ކުރު ޖަވާބެއް ދީފައިވެ އެވެ.
"ހަމަ ޔަގީނުންވެސް ބަލިކުރެވޭނެ. ތިކަމުގައި އެއްވެސް އޮޅުމެއް ނެތް." ސުވާލަށް ޖަވާބުދެމުން ބެންޒީމާ ބުންޏެވެ.
"އަހަރެމެންގެ ޓީމަކީ މިހާރު ވަރަށް ވަރުގަދަ ޓީމެއް. މިދޔަ ސީޒަންގައި އަހަރެމެން ކުރިމަތިލީ އާކޯޗަކާއި އަދި އާކުޅުންތެރިންތަކަކާ އެކު. މިހާރު އަހަރެމެންނަށް ކުރީގެ ޓީމާއި އަދި އިތުރު އާކުޅުންތެރިންކޮޅާ އެކު މޮޅު ޓީމެއްގެގޮތުގައި އަންނަ ސީޒަނަށް ނުކުމެވޭނެ. އަހަރެމެން އަންނަ ސީޒަންގައި ބާސެލޯނާއަށް އުނދަގޫތަކަކާ ކުރިމަތިކުރާނަން." ބެންޒީމާ ބުންޏެވެ.
ޓީމުގައި ހުރީ ވަރަށް މޮޅު އަދި ވަރަށް ރަނގަޅު ކޯޗެއްކަމާއި މޮރީނިއޯގެ ދެވަނަ ސީޒަންގެ ސްކޮޑްގައި ތިބި ކުޅުންތެރިންނަކީ ވަރަށް އެކުވެރި އަދި ވަރަށް އެކުގައި މަސައްކަތްކުރާ ކުޅުންތެރިންކަން ވެސް ބެންޒީމާ ފާހަގަކުރި އެވެ.
މިދިޔަ ސީޒަން މެދުތެރޭގައި ބެންޒީމާ އެހެން ޓީމަކަށް ބަދަލުވާން އުޅޭކަމުގެ ހަބަރު އާންމުވެފައިވެ އެވެ. ނަމަވެސް ބެންޒީމާ މިކަމަށް ރައްދުދީ އޭނާ ރެއާލް މެޑްރިޑް ދޫކޮށް ދާން ވިސްނާފައިނުވާނެކަމަށް ހާމަކުރި އެވެ.
"އަހަރެން ރެއާލް މެޑްރިޑް ދޫކޮށް ދާން ވިސްނާފައެއް ނުވާނެ. އެންމެ އުނދަގޫ ދަނޑުވަޅުގައި ވެސް ޓީމު ދޫކޮށް ދާކަށް ނުވިސްނަން. ރެއާލް މެޑްރިޑް ކަހަލަ ޓީމަކަށް އާދެވޭނީ ވަރަށް ނަސީބުގަދަ މީހުންނަށް. އެހެންވީމަ މިކަހަލަ ޓީމުތަކުގައި އުޅޭއިރު ޖެހޭނެ އެކި ހާލަތްތަކުގައި ކެތްކުރަން. އެއީ ކުޅުންތެރިއެއް ގައިގައި ހުންނަން ޖެހޭނެ އެންމެ މުހިންމު އެއް ސިފަ." ބެންޒީމާ ބުންޏެވެ.
ބެންޒީމާ ފިޓްކޮށް ބެހެއްޓުމަށް ކޯޗް މޮރީނިއޯ ބާރުއަޅައި އެއްބާރުލުންދީފައިވާ ކަމަށާއި ކުރީގެ ކްލަބް ލިޔޯންގައި ކުޅުނު ވަރަށް ވުރެ މޮޅަށް ރެއާލް މެޑްރިޑްގައި ކުޅެވުންކަމަށް ބެންޒީމާ ހާމަކުރި އެވެ.
ބެންޒީމާ ނުވިއްކާނެ ކަމަށް މިމަހު ކުރީކޮޅު މޮރީނިއޯ މީޑިއާއަށް ހާމަކޮށްފައިވެ އެވެ. އަދި މީގެއިތުރުން މޮރީނިއޯ ބެންޒީމާއަށް ތަޢުރީފްކޮށްފައިވެސްވެ އެވެ.