13 Feb 2017, 11:05
މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ އެކު ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ލިންކް ރޯޑުގެ ޑިޒައިން މަސައްކަތާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ އޮފީހަށް ވަޑައިގެން ސާފުކުރެއްވުމަށްވެސް އެ އިއުލާނުގައި ވެއެވެ.
އަންދާސީ ހިސާބު ހުށަހަޅެމަށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން، 1000 ޑޮލަރު ނުވަތަ އެއާ އެއްވަރުވާ އަދަދަކަށް ފައިސާ ދައްކައިގެންނެވެ. އަދި ބިޑު ޑޮކިއުމެންޓް ހޯދުމަށް އެ ކުންފުންޏަށް މެއިލް ކުރުމަށްވެސް އިއުލާނުގައި ވެއެވެ.
އެއިއުލާނުގައިވާ ގޮތުން، އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، ޓެންޑާ ސެކިއުރިޓީއެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
އެ މަސައްކަތުގެ ބިޑާ ގުޅޭ މައުލޫމާތު ދިނުމަށް މިމަހުގެ 23 ވަނަ ދުވަހު އެޗްޑީސީގައި ބައްދަލުވުމެއް ބާއްވާނެ އެވެ. ބިޑުގައި ރަޖިސްޓްރީވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. ބިޑު ހުށަހެޅުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، އެވަގުތުން ފެށިގެން ބިޑު ހުޅުވަން ފަށާނެ އެވެ.
ހުޅުލެއާއި ހުޅުމާލެ ގުޅާލުމަށް މިހާރުވެސް ލިންކް ރޯޑެއް ހަދާފައި އޮވެއެވެ. ނަމަވެސް ބްރިޖް އެޅުމާއެކު، ބްރިޖުން ދަތުރުކުރާ އުޅަނދުތައް ހުޅުމާލެ ދާން ހަމަޖައްސާފައިވަނީ ވަކި މަގެއްގައެވެ. އެޗްޑީސީން މި ހުޅުވާލީ އެ މަގު ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ.