13 Feb 2017, 10:07
ވޮޝިންޓަން(ފެބްރުއަރީ 13): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތާއި އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް ގެންގުޅުއްވާ ރޭވުންތަކާ ދެކޮޅަށް މެކްސިކޯގެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
މެކްސިކޯގެ 20 ސިޓީއެއްގައި، ހުދު ކުލައިގެ ހެދުމުގައި ތިބެ މުޒާހަރާކުރި މީހުން ވަނީ މެކްސިކޯގެ ދިދަ ވިހުރުވައި ޓްރަމްޕާ ދެކޮޅަށް އަޑު އުފުލައިފައެވެ. އެމުޒާހަރާ ރޭވި ފަރާތްތަކުން ބުނި ގޮތުގައި މުޒާހަރާގެ މަގުސަދަކީ ޓްރަމްޕާ ދެކޮޅަށް މެކްސިކޯ އެއްބައިވެފައިވާ ދެއްކުމެވެ.
ެަރައީސް ޓްރަމްޕް ވަނީ އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް ރިޔާސީ އަމުރެއް ނެރުއްވާފައެވެ. އަދި މެކްސިކޯއިން އެފާރުގެ އަގު އަދާ ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މެކްސިކޯގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯ ވަނީ މެކްސިކޯއިން އެފާރަށް ހަރަދު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ އެ އަމުރުގެ ސަބަބުން މެކްސިކޯގައި ރުޅިވެރިކަން އުފެދި، އެމެރިކާގައި ތިބި މެކްސިކޯގެ ރައްޔިތުންގެ މެދުގައި ވަނީ ޑީޕޯޓު ކުރުމުގެ ބިރުވެރިކަން އުފެދިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ވަނީ ގާނޫނާ ހިލާފަށް އެމެރިކާއަށް ގޮަސްފައިވާ ހިޖުރަވެރީންގެ ތެރެއިން ކުށާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުން ޑީޕޯޓު ކުރެވޭ ފަދަ ތިން އަމުރެއްގައި ސޮއި ކުރައްވައިފައެވެ. (ބީބީސީ)