މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ދޫނިދޫގައި ނައްތާލާފައި ވަނީ 2004 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅި ތަހުގީގުކޮށް ޝަރުއީ މަރުހަލާ ނިންމާފައިވާ 955 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ކަމަށެވެ.

އެ ތަކެތި ނައްތާލާފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ މައްސަލަތަކުގައި ހިމެނޭ ހެރޮއިން ހުރި 4600 ރަބަރު ޕެކެޓާއި ހަޝިޝް އޮއިލް ހުރި 166 ސެލޯފިންކޮޅާއި ހަޝިޝް އޮއިލް ހުރި 329 ބުލެޓް ނައްތާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅުނު އެހެނިހެން ތަކެތި ވެސް ވަނީ ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޖުމްލަ 3869 ގްރާމް ހެރޮއިން އާއި 291.5 ގްރާމުގެ ކެނަބިސް ކަމަށް ފުލުހުން ބުންޏެވެ.