ސޯލް (ފެބްރުއަރީ 13): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބެއްލެވުމުގެ ދަށުން އެގައުމުން "ކާމިޔާބުކަމާ އެކު" ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ ނޫސް އޭޖެންސީ ކޭސީއެންއޭ އިން ބުނެފި އެވެ.

ކޭސީއެންއޭ އިން ބުނާ ގޮތުގައި މެދުރާސްތާގެ އެމިސައިލަކީ ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. އަދި އެމިސައިލް ލޯންޗުކޮށްފައި ވަނީ އަވަށްޓެރި ގައުމަކަށް ނާރާގޮތަކަށް ކަމަށާއި މިސައިލް ލޯންޗު ކުރީ ބެލިސްޓިކް މިސައިލުގެ ބާރާއި ރާސްތާ އިތުރުކޮށްދޭ ސޮލިޑް ފިއުލް އިންޖީނަކުންނެވެ.

އަދި އެމިސައިލް ލޯންޗު ކުރުން ބެއްލެވި ކިމް ޖޮންގް އުން ވަނީ ހިތްހަމަޖެހުން ފާޅުކުރައްވާފައި ކަމަށް ކެސީއެންއޭގެ ރިޕޯޓުގައިވެ އެވެ.

އުތުރު ކޮރެއާގެ ޕްޔޮންގަން ޕްރޮވިންސުން ހުކުރު ދުވަހު ލޯންޗު ކުރި އެމިސައިލް ވަނީ އެގައުމުގެ އިރަށް، ޖަޕާނާ ދިމާލަށް 500 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށް ދެކުނު ކޮރެއާ އިން ބުނެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އެއީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ މައްސަލާގައި އެމެރިކާ އިން އޮތީ ޖަޕާނުގެ ފަހަތުގައި ކަމަށް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އުތުރު ކޮރެއާގެ އަމަލުތަކުން ހާމަވެގެން ދަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ވެރިކަމަކީ ނިއުކްލިއާ ހަތިޔާރާއި މިސައިލް އުފެއްދުމަށް 'މޮޔަވެފައިވާ' ވެރިކަމެއް ކަމެވެ.

އެ މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާ، ޖަޕާން އަދި ދެކުނު ކޮރެއާ އިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިފަ އެވެ. އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުން ހުއްޓުވުމުގެ ގޮތުން އދ.ގެ ގަރާރުތަކުން ވަނީ އެގައުމުން ބެލިސްޓިކް މިސައިލް ޓެސްޓު ކުރުން މަނާކޮށްފަ އެވެ. (ބީބީސީ)