12 Feb 2017, 19:43
މިއަދުން ފެށިގެން ރީޓެއިލް ވިޔަފާރި ކުރާ ގިނަ އަދަދެއްގެ ތަންތަނުން ބީއެމްއެލް ގިފްޓް ކާޑު ގަންނަން ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބީއެމްއެލް އިން އެހެން ބުނެފައިވަނީ، މާލޭން ގިފްޓް ކާޑު ގަންނަން ލިބެން ހުންނަ، ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ. އެ ހަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް "އަހަރެންގެ ބޭންކް" ހާާއްސަ ގިފްޓްކާޑު ވަނީ ހަދިޔާ ކޮށްފައެވެ.
ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ ގިފްޓު ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ އެއް ކަމަށާއި މިއަދަށްފަހު ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ތަންތަނުން މިކާޑު ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ. ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ މި ކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް." ޝަރީފް ވިދާޅުވިއެވެ.

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ.
މާސްޓާ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތައާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ. ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.
ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 020 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.