27 Jun 2011, 16:53
ކުރީގެ ޑެޕިއުޓީ ކޮންޓްރޯލަރު އާދަމް ނަސީރް )އެޑަމް(ގެ އަބުރާ ބެހުމުގެ ސަބަބުން އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500ރ. ދެއްކުމަށާއި އޭނާގެ ކިބައިން މައާފަށް އެދުމަށް އޭރުގެ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމް މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް އަދިވެސް ތަންފީޒުކޮށްފައިނުވާ ކަމަށް އެޑަމް ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެޑަމް މިއަދު ވިދާޅުވީ، މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ސިވިލް ކޯޓުން އިއްވި އެ ހުކުމްގައިވާ ގޮތަށް އޭނާގެ ކިބައިން މައާފަށް އެދިފައިނުވާތީ އާއި އަދި ފައިސާ ވެސް ދައްކާފައިނުވާތީ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މިހާރު ވެސް އިލްޔާސް އަޅުގަނޑަށް 3،500ރ. އިން ދަރާފައި އެ އޮތީ. އަދި މިހާތަނަށް މައާފަށް ވެސް ނޭދޭ. އެހެންވީމަ އިލްޔާސް ފުރަތަމަ އެހުންނެވީ ގާނޫނާ ހިލާފުވެފައި،" ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާ ޖެނެރަލް އޮފް ޝިޕންގެ މަގާމު މިހާރު ފުރުއްވާ އެޑަމް ވިދާޅުވި އެވެ.
މީގެ އިތުރުން ދާދިފަހުން ލީކުވެފައިވާ އިލްޔާސްގެ ސިޓީގައި އާދަމް ނަސީރު އިމިގްރޭޝަންގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާފައިވާ ކަމަށް ވިދާޅުވެ، ވާހަކަދައްކަވާފައިވާތީ އެކަމަށް ވެސް އޭނާ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ސިޓީގައި އިލްޔާސް ހައްދަވާފައިވަނީ ރޯބުހުތާން ދޮގެވެ.
"އެ ސިޓީގައި އޮތީ ރޯބުހުތާން ދޮގު. ރައީސް ނަޝީދާ ބެހޭ ގޮތުން ވެސް، އަދި އަޅުގަނޑާ ބެހޭ ގޮތުން ވެސް ހައްދަވާފައިވަނީ ދޮގު. އެކަންކަން އެބަހުރި ވަރަށް ރަނގަޅަށް ސާބިތުކުރެވެން،" އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ މާޗު މަހުގެ ތެރޭ ރައީސް ނަޝީދަށް އިލްޔާސް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، އައްޑޫގެ އަންހެނަކާ ގުޅިގެން "އެލޯ މޯލްޑިވްސް" ރެކްރޫޓިން އޭޖެންސީއެއް ހިންގަމުންދާ ކަމަށާއި އަދި އިމިގްރޭޝަން ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާ ކަމަށެވެ. އަދި އެކަންކަން ބެއްލެވެމުން އޭޑަމް އަކީ "ކޮރަޕްޓް އިންސާނެއްކަން" އެނގޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެ އެވެ.
އެޑަމް މިއަދު ވިދާޅުވީ، އެ ސިޓީގައި ބުނާ އެލޯ މޯލްޑިވްސް އަކީ ރެކްރޫޓިން އޭޖެންސީއެއް ނޫން ކަމަށާއި އެއީ ފަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ޓްރެވެލް އޭޖެންސީއެއް ކަމަށެވެ.
އަދި އެ ސިޓީގައި އޭނާގެ މައްޗަށް އަނެއްކާ ވެސް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައިވާތީ އިލްޔާސްގެ މައްޗަށް އަލުން އަބުރުގެ ދައުވާ ކުރައްވަން ގަސްތުކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
އިލްޔާސް މިއަދު ވިދާޅުވީ، ކޯޓު އަމުރާ ގުޅިގެން އާދަމް ނަސީރަށް ފައިސާ ދެއްކުމަށް ލޯޔަރާ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކިފަހަރުމަތިން އޭނާގެ ކިބައިން މައާފަށް އެދިފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.