12 Feb 2017, 19:21
ބާލިން-- ޖަރުމަނުގެ ހޭމްބާގު އެއާޕޯޓުގެ ތެރޭގައި ވިހަ މާއްދާއެއް ފެތުރެމުގެ ސަބަބުން އެއާޕޯޓުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ގަޑިއިރަކަށް އެއާޕޯޓް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ޖަރުމަނުގެ ނިއުސް އޭޖެންސީ ޑީޕީއޭ އިން ބުނީ، އެ ހާދިސާގައި ގާތްގަނޑަކަށް 50 ވަރަކަށް މީހުންނަށް ނޭވާލާން އުދަނގޫވެ، ލޮލުން ދިލަ ނަގައި އަދި ބައެއް މީހުން ކެއްސާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ބައެއް މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.
ހޭމްބާގު އެއާޕޯޓްގެ ތަރުޖަމާން ކަރެން ސްޓެއިން ވިދާޅުވީ، ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ހުރިހާ ފްލައިޓެއް ކެންސަލްކުރުމަށްފަހު މިހާރު އަލުން އެއާ ޓްރެފިކް ފަށާފައިވާ ކަމަށެވެ.
މިހާތަނަށް ބެލެވިފައިވާ ގޮތުގައި، ވިހަ މާއްދާއެއް ފެތުރިފައި ވަނީ އެއާޕޯޓުގެ އެއާ ކޮންޑިޝަން ސިސްޓަމްގެ ތެރެއިންނެވެ. ނަމަވެސް ތަރުޖަމާން ސްޓެއިން ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
ޖަރުމަނުގެ ފުލުހުން ބުނީ، އެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އަހަރަކު 16 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭ ހޭމްބާގު އެއާޕޯޓަކީ ޖަރުމަނުގެ ފަސް ވަނަ އަށް އެންމެ ބޮޑު އެއާޕޯޓެވެ.