12 Feb 2017, 17:58
އަރަބި ބަސް ދަސްކޮށްދިނުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މަޝްރޫއެއް ފަށައިފި އެވެ.
އިސްލާމިކް ޔުނިވާސިޓިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތަފާތު ފަސް ދާއިރާއަކުން އަރަބި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ދާއިރާ ތަކަކީ:
ޑިޕްލޮމާ އިން އެރަބިކް ލެންގުއޭޖް ފޯ ރިލިޖަސް ޕާޕޯސަސް
- ޑިޕްލޮމާ އިން އެރެބިކް ލޭންގްއޭޖް ފޯ ޖާނަލިޒަމް އެންޑް މީޑިއާ
- ޑިޕްލޮމާ އިން އެރެބިކް ލޭންގްއޭޖް ފޯ ބިޒްނަސް އެންޑް މާކެޓިން
- ޑިޕްލޮމާ އިން އެރަބިކް ލޭންގުއޭޖް ފޯ ޑިޕްލޮމެސީ
- ޑިޕްލޮމާ އިން އެރަބިކް ލޭންގުއޭޖް ފޯ ޓުވަރިޒަމް އެންޑް ހޮސްޕިޓަލިޓީ
ޝަހީމް ވިދާޅުވީ، ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ކޯހެއްގެ އައުޓްލައިންތައް މިހާރު ނިމިފައިވާ ކަމަށާއި، އެ ކޯސްތަކުގައި ބޭނުން ކުރުމަށް 43 ފޮތްބައި ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ފޮތްތަކަކީ ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅު ފޮތްތަކެއް ކަމަށެވެ.
އެގޮތުން ފުރަތަމަ އަހަރުގެ ފޮތްބަޔަށް އެކަނިވެސް 1.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ފޮތްބައިގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުތެރޭގައި ނިންމާލާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ޝަހީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
"މި ފޮތް ސެޓު ދިވެހިރާއްޖޭގައި އެކަންޏެއް ނޫން ބޭނުން ކުރާނީކީ. ކުރިއަށް އޮތްތަނުގައި މިތާ ކައިރި އަވައްޓެރި ގައުމުތަކަށްވެސް މި ގެންދާނެ ކަމަށް މި ބަލަނީ. އެހެންވީމާ ވިޔަފާރީގެ އުސޫލުންވެސް ބޭނުން ކުރެވޭނެ ފޮތް ބައެއްގެ ގޮތުގައި މި ފޮތްބައި އޮންނާނީ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައިޔޫއެމް ނޫން އެހެން ޔުނިވާސިޓީއަކުން އެ ފޮތްބައިން ކިޔަވައިދޭން ބޭނުންވާނަމަ، އެ ވިއްކާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ އެ މަޝްރޫއުގެ މަގުސަދަކީ، ދިރިއުޅުމުގެ އެންމެހައި ދާއިރާއެއްގައި އަރަބި ބަސް ބޭނުން ކުރަން ދަންނަ ރައްޔިިތުންތަކެއް ބިނާ ކުރުން ކަމަށެވެ.
ޝަހީމްގެ ވާހަކަފުޅުގައި، އަރަބި ބަސް އުނގަންނައި ދިނުމުގެ އެ ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މަޝްރޫއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މިހާތަނަށް އަރަބި ބަސް ކިޔަވައިދެމުން އައީ ދީނީ ކަމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އަލަށް ފަށަން ހަމަޖައްސާފައިވާ ކޯސްތަކުގެ ސަބަބުން، އެހެން ގައުމުތަކާއެކު ވިޔަފާރިއާ އެނޫންވެސް ގިނަ ކަންކަމުގައި މުއާމަލާތުކުރެވި ގައުމުތަކާއި މެދު ގުޅުން ބަދަހިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.