ރާއްޖޭގައި މިހާތަނަށް މޯބައިލް ޕެކޭޖަކަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާ އެކު "ސްމާޓް އެގްޒެކެޓިވް" ގެ ނަމުގައި ޚާއްޞަ ދެ މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފި އެވެ.

އެ ކުންފުނި ބުނި ގޮތުގައި އެ ދެ ޕެކޭޖަކީ ވިޔަފާރި ވެރިންނާއި، އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ޚާއްސަ ޕެކޭޖުތަކެއް ކަމަށެވެ. އެގޮތުން ސްމާޓް އެގްޒެކެޓިވް 1499 ގައި 30 ޖީބީ ޑޭޓާ އަދި ސްމާޓް އެގްޒެކެޓިވް 1999 ގައި 45 ޖީބީގެ ޑޭޓާ ހިމެނެ އެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށް ވެސް ބޭނުން ވަރަކަށް ކޯލާއި އެސްއެމްއެސް ކުރެވޭ މި ޕެކޭޖުގެ ދަށުން ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނުކުރާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި ދެޕެކޭޖުން ވެސް، ޚިޔާރު ކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ގުޅާ އިރު 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދިރާގުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެ ކުންފުއްޏަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2015 ވަނަ އަހަރާއި އަޅައިބަލާއިރު 10 ޕަސެންޓް ނުވަތަ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2015 ވަނަ އަހަރަށްވުރެ 16 ޕަސެންޓް އިތުރު އަދަދެކެވެ.