ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"ގައި ތިބޭ ކުދިންނަށް ބޭނުންވާ ބައެއްތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުން އިއްޔެ ހަދިޔާކޮށްފި އެވެ.

ކަސްޓަމްސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގި އެ ހަރަކާތުގައި ތަކެތި އިއްޔެ އެ ސެންޓަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުހައްމަދު އެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ "ފިޔަވަތި"ގެ ސީއީއޯ ފާތިމަތު ޝިޔާމާ އެވެ.

ކަސްޓަމްސް އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެ ސެންޓަރުގެ ބަދިގެ އަށް ބޭނުންވާ ސާމާނާއި ހިފާގެންގުޅޭ ތަކެތީގެ އިތުރުން ސެންޓަރުގެ ހެލްތު ޑިޕާޓްމެންޓަށް ބޭނުންވާ ފަސްޓް އެއިޑްގެ ސާމާނު ހިމެނެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މަޖާކޮށްދިނުމަށް ކުޅިވަރު ކުޅެނީ --- ފޮޓޯ/ ކަސްޓަމްސް

އެ ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފު ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ފަރާތުން ފޯރުކޮށްދެނީ ގައުމަށް ވަރަށް ބޭނުންތެރި ހިދުމަތެއްކަމަށާއި މުޖުތަމައުގެ އެންމެހާ އަފުރާދުން ވެސް އެބޭފުޅުންގެ އަގުހުރި ހިދުމަތުގެ އަގު ވަޒަންކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ތަކެތި ހަވާލުކުރުމުގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ މޫދު ކުޅިވަރުތަކެއް އިއްޔެ ހެނދުނު ހުޅުމާލެ ބީޗްގައި ބާއްވާފައިވާ އިރު، ތަފާތު ކުޅިވަރު ހަރަކާތްތައް އިއްޔެ ހަވީރުވެސް ވަނީ އެސެންޓަރުގައި ބާއްވާފަ އެވެ. އަދި ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން އެކުދިންނަށް ހަދިޔާ ދިނުން ވެސް ބާއްވާފައިވެ އެވެ.

ކަސްޓަމްސްގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މަޖާކޮށްދިނުމަށް ކުޅިވަރު ކުޅެނީ --- ފޮޓޯ/ ކަސްޓަމްސް

އޭގެއިތުރުން "ފިޔަވަތި"ގެ ކްލާސްރޫމްތަކާއި ފާރުތަކުގައި ކުލަލައި ޒީނަތްތެރި ކުރުމުގެ ހަރަކާތެއް ވެސް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހިންގާފައިވެ އެވެ. އަދި ކްލާސްރޫމްތައް އެކުދިންނާ ރައްޓެހިގޮތަށް ޒީނަތްތެރިކޮށްފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް، އިޖްތިމާއީ ޒިންމާގެ ދަށުން އެފަދަ ތަފާތު ކަންތައްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.