12 Feb 2017, 15:47
އެސްޓީއޯ އިން އިމްޕޯޓްކޮށް ވިއްކަމުން އަންނަ ހިޓާޗީ އެއާކޯނަށް ހާއްސަކޮށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހަމަހުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ ދާދިފަހުން ހިޓާޗީގެ ބްރޭންޑް އެމްބެސެޑަރަކަށް ކަނޑައެޅި، ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ޕްރޮމޯޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ހަ މަސް ދުވަސް ވަންދެން ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ލަކީޑްރޯއެއް ނަގާނެ ކަމަށެވެ.
ހިޓާސީ އޭސީއަށް ހާއްސަ ޕްރޮމޯޝަން ފެށުމަށް މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓާ އެކު ތިން ދުވަހުގެ ހުރުމާއި ކެއުން އަދި ޓުއާއެއް ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ގުރުއަތުން ކޮންމެ މަހަކު ވެސް ހޮވޭ ފަރާތަކަށް އޭނާއާ އެކު ބޭނުން އެކަކު އިތުރަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯގެ ފިހާރަތައް ހުންނަ ކޮންމެ ތަނެއްގައި އެ ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށެވެ.
ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ އިން ގަންނަ ހިޓާޗީ ކޮންމެ އޭސީއަކަށް 18 މަސް ދުވަހުގެ ވޮރެންޓީ އާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރެންޓީ ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކުރިއާ އަޅާ ބަލާއިރު މިހާރު ހިޓާޗީ އޭސީތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޓާސީ އޭސީއަށް ހާއްސަ ޕްރޮމޯޝަން ފެށުމަށް މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެސްޓީއޯ އިން މިއަދު ފެށި ޕްރޮމޯޝަނާ އެކު އެ ކުންފުނިން ވަނީ އަލަށް "ސީން ކެމެރާ" ނަމަކަށް ކިޔާ ހިޓާޗީ ބްރޭންޑުގެ އޭސީއެއް ލޯންޗްކޮށްފަ އެވެ. އެ އޭސީ އަކީ އާންމުކޮށް ބޭނުންކުރާ އޭސީތަކާ އަޅާ ބަލާއިރު ތަފާތު ފީޗާތަކެއް ހިމެނޭ އޭސީއެކެވެ.
އެގޮތުން އެ އެއާކޯނުގައި ހިމެނޭ "އެއާ ސްލީޕް" ނަމަކަށް ކިޔާ ފަންކްޝަނަކީ ފާހަގަކޮށްލެވޭ ފަންކްޝަނެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ފީޗާގެ ސަބަބުން އޭސީ ޖައްސައި ގިނައިރުވީ ނަމަވެސް ކޮޓަރީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އޭގެ އިތުރުން އޭގައި އިމޭޖް ކެމެރާ އާއި އިކޯ މޯޑް، ޔޫވީ ފްރެޝް އަދި ތާމަލް ކެމެރާ ހިމެނެ އެވެ.
އެސްޓީއޯ އިން ވިއްކަނީ ސީން ކެމެރާގެ 12000 ބީޓީޔޫ އާއި 9000 ބީޓީޔޫގެ އޭސީ އެވެ.