ތައުލީމާއި ހުނަރުތައް އެންމެ މަތީ ފެންވަރަށް މީހަކަށް ލިބިފައި ހުރި ނަމަވެސް، އެމީހެއްގެ ކިބައިގައި ރަނގަޅު އަޚްލާގެއް އަށަގަނެފައި ނެތް ނަމަ، ލިބިފައިވާ ތައުލީމާއި ހުނަރުގެ ބޭނުމެއް ނުކުރެވޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) އެންޖީއޯއިން، ސަން ސިޔާމް ގުރޫޕާ ގުޅިގެން އޮޅުވެލި ބީޗު ރިސޯޓުގައި ބޭއްވި "މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕު" (އެމްވައިއެލްސީ) ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ ލީޑަރުންނަކީ އަބަދުވެސް ވިސްނުންތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި ގައުމުގެ ކުރިމަތި އޮންނަނީ ލީޑަރުންގެ އަތުގައި ކަމަށެވެ.

"ގައުމެއްގެ ލީޑަރަކީ ރަނގަޅު ލީޑަރަކަށް ވެއްޖެ ނަމަ އެ ގައުމެއް ފިސާރު ރަނގަޅު ކުރިއެރުމަކުން ކުރިއަރައި ގޮސް، އެބަޔަކު ތަރައްގީވެގެން ދާނެ،"

ސިޔާމް ވިދާޅުވީ ލީޑަރުންނަކީ އަޚްލާގީ މިންގަނޑެއް ހިފެހެއްޓުން މުހިންމު ބައެއް ކަމަށާއި، ކިތަންމެ ވަރަކަށް ކިޔަވައިގެން، ހުނަރުތައް ދަސްކޮށްފި މީހަކަށް ވިޔަސް، ރަނގަޅު އަޚުލާގެއް ނެތުމުން އޭގެ ބޭނުމެއް ނެތް ކަމަށެވެ.

"ކިތަންމެ ވަރަކަށް ކިޔެވިޔަސް، ހުނަރުވެރި ވިޔަސް، ރަނގަޅު ރަޚްލާގީ މިންގަނޑުތަކެއް ނެތިއްޔާ އެމީހަކު ބޭނުމެއް ނުކުރެވޭނެ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ގައުމެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ އެގައުމެއްގެ ރައްޔިތުން ކަމަށާއި، އެހެންކަމުން ގައުމަށާއި ރައްޔިތުންނަށް ފައިދާތަކެއް ލިއްބައިދޭ ބަޔަކަށް ޒުވާނުން މިއަދު ވަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ، ކޮންމެ މީހަކީ ވެސް ކުޅަދާނަ މީހެއް ކަމަށާއި، އެނޫން ގޮތަކަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށެވެ.

"ގަބޫލު ކޮށްގެން ނުވާނެ އެއްވެސް ކަމެއް ނުކުރެވޭނެއޭ. އިންސާނެއްގެ އެންމެ ފަގީރު ސިފައަކަށް ވާނީ ކޮންފިޑެންސް ނެތުން. ޕޮޒިޓިވްކޮށް އަބަދުވެސް ވިސްނަން ވާނީ. މަސައްކަތް ކޮށްފިނަމަ ނުވާނެ އެއްވެސް ކަމެއް ނޯންނާނެ ދުނިޔޭގައި،" ސިޔާމް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ވޯކްޝޮޕުގައި ވަނީ 30 ޒުވާނަކު ބައިވެރިވިއެވެ.