27 Jun 2011, 15:42
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ ބަދަލުވެފައި ވުމުން ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް ރީކޯ މޫސަ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މެންދުރު ފަހު ދަންފަޅީގެ ބަހުސްގެ މަރުހަލާގައި ކޮމެޓީތައް ހުއްޓިފައިވާ މައްސަލަ ރިޔާސަތުގެ ސަމާލު ކަމަށް ގެންނެވުމަށް މެންބަރުން ނެންގެވި ނިޒާމީ މައްސަލަތަކުގައި ވާހަކަފުޅު ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ ވިދާޅުވީ ކޮމެޓީތަކުން އެތައް ބިލްތަކެއް އިސްލާހުކޮށް ހަދަންޖެހިފައިވާ ދަނޑިވަޅެއްގައި، ކޮމެޓީތަކުގެ މަސައްކަތް ހުއްޓުވާލައި ކޮންމެ ދުވަހަކު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ އަށް ކޮމެޓީތަކުގެ މެޖޯރިޓީ ލިބޭތީވެ އިދިކޮޅު ޕާޓީތަކުން ގޮތްދޫނުކޮށް ހިފަހައްޓަމުންދާ ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް އެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށެވެ. އަދި ނުގެނެވެންޏާމުން އިސްތިއުފާދިނުމަށް އޭނާ ގޮވާލެއްވެވި އެވެ.
"އަޅުގަނޑުމެންނަށް ހުރިހާ ކޮމެޓީއަކުން މެޖޯރިޓީ ލިބުނީމާ ހަމަ އެއްގޮތަކަށް ވެސް އިދިކޮޅަށް ތިބި މީހުން މިއުޅެނީ ކޮމެޓީތައް ދޫނުކުރަންވެގެން. ނުކެރޭނެ މާދަމަ އިން ފެށިގެން މަޖިލިސް ކުރިއަށް ގެންދާކަށް. ރައްޔިތުންގެ މަޖިލީހުން އެތައް ބައިވަރު ބިލްތަކެއް ހަދަންހުއްޓައި ކީއްކުރަން ކުރާ ކަމެއްތޯ. މަނިކުފާނު )ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު( ދަންނަވާ ރައީސް އަށް، އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާށޭ މިކަން ނުކުރެވެންޏާ.. މިއަދުން ފެށިގެން މިތާ ބަހުސްކުރައްވާނެ ކަމެއް ނެތް،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީއާ ދާދީފަހުން ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މެންދުރު ފަހުގެ ދަންފަޅީގައި ވިދާޅުވީ މަޖިލީހުގެ ރައީސް ޝާހިދާއި ނައިބު ރައީސް އަހުމަދު ނާޒިމް މަޖިލީހަށް ވަޑައިނުގަންނަވައި މަޖިލީހުގެ ފުލޯގައި ބާއްވާ ޖަލްސާތަކުގެ ރިޔާސަތުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާ ހަވާލު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޝާހިދާއި ނާޒިމްގެ އިސްތުއުފާ އަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ނަމަވެސް އެ ވަގުތު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އަލީ މުހައްމަދު ވިދާޅުވީ ކޮމެޓީތަކުގެ މައްސަލަތައް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ވަރަށް އަވަދިނެތި އެ މަސައްކަތުގައި އުޅުއްވާ ކަމަށެވެ.
ނިޒާމީ މައްސަލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ކަނޑައެޅުމުގެ މަސައްކަތް ނުނިމިގެން އުޅެނީ ޑީއާރްޕީގެ ސަބަބުން ކަމަށް ވިދާޅުވެ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މެންބަރުން ވާހަކަފުޅު ދައްކަވަނީ ހަގީގަތް އޮޅުވާލުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މައްސަލައެއްގައި މި ކޮމެޓީތައް ނެހެދި އުޅޭ ކަމަށް މިވިދާޅުވާ ވިދާޅުވުމަކީ ހަމަ ކަނޑައެޅިގެން މިއަދު މިތާ މެޖޯރިޓީ އޮތީމާ ގަސްތުގައި އެމްޑީޕީ މީހުން ރާވައިގެން [ކުރާ]ކަންތައްތަކެއް. އަޅުގަނޑުމެނަށް ކޮމެޓީތައް ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރަމުންދާތަން މިހާރު މިފެންނަނީ،" އާޒިމް ވިދާޅުވި އެވެ.
ނިޒާމީ މައްސަލަތަކުގައި މެންދުރު ފަހު 2:14ގައި މިއަދުގެ ޖަލްސާ ނިންމާލި އިރު، ރިޔާސަތުގައި އިންނެވީ އަލީ މުހައްމަދެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލަމެމްޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު )އިބޫ( އާއި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، އަދި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީ އަލީ މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އަދި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަމިއްލަ މެންބަރުންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވުމަށް މަންދޫބަކު ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އަޅުގަނޑު ވަނީ މަޝްވަރާކޮށްފައި. އަދި އެ ބަދަލުތައް ފެނިގެންދާނެ ގޮތަށް ކޮމެޓީތަކުގެ އަދަދުތައް ކަނޑައެޅުމުގެ މަސައްކަތް އަޅުގަނޑު މިގެންދަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރަމުން. އެ މަސައްކަތް ބަންދުތެރޭގައި ވެސް އަދި އިއްޔެ ވެސް ވަނީ ކުރެވިފައި. ރޭގަ ކުރެވުނު މަސައްކަތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދަންނަވަން." ޝާހިދު ވިދާޅުވި އެވެ.