12 Feb 2017, 13:37
ޕްނޮމް ޕެން (ފެބްރުއަރީ 12): ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ސޭމް ރައިންސީ އޭނާގެ ކެމްބޯޑިއަން ނެޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ)ން އިސްތިއުފާ ދެއްވައިފި އެވެ.
ރައިންސީ ވިދާޅުވި ގޮތުގައި ޕާޓީން އިސްތިއުފާ ދެއްވަން ނިންމީ ޕާޓީގެ ކުރިމަގަށްޓަކަ އެވެ.
ރައިންސީ އެފަދައިން ވިދާޅުވެފައި ވަނީ ކުށެއް ސާބިތުވެފައިވާ މީހަކަށް ފަސް އަހަރުވަންދެން ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ހުން ސެން ވިދާޅުވި ފަހުންނެވެ. އެ ގާނޫނުގެ ދަށުން ޕާޓީގެ ލީޑަރެއްގެ މައްޗަށް ސީރިއަސް ކުށެއް ސާބިތުވެއްޖެ ނަމަ، ޕާޓީ އުވާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކެމްބޯޑިއާގެ ސަރުކާރުން ވަނީ ރައިންސީއާ ދެކޮޅަށް އަބުރާ ބެހެމުގެ ދައުވާ އުފުލައިފަ އެވެ. އޭގެ ސަބަބުން ރައިންސީގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއްކޮށްފާނެތީ އޭނާ ފްރާންސުގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވާތާ ދެ އަހަރުވެއްޖެ އެވެ.
ކެމްބޯޑިއާގައި ބޮޑުވަޒީރުކަން ކުރައްވާތާ 32 އަހަރުވެފައިވާ ހުން ސެންއާ އެންމެ ވާދަވެރި ޕާޓީއަކީ ސީއެންއާރުޕީ އެވެ. އޭނާ އަށް ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އަލަށް ފާސް ކުރަން އުޅޭ ގާނޫނަކީ އިދިކޮޅު ފަރާތްތައް ހުއްޓުވައި، ހުން ސެންގެ ވެރިކަމުގެ ދައުރު އިތުރު ކުރަން އޭނާ ކުރައްވާ ކަމެކެވެ.
ކެމްބޯޑިއާގެ ރިޔާސީ އިންތިހާބު އަންނަ އަހަރު ބާއްވާނެ އެވެ. (ބީބީސީ)