12 Feb 2017, 13:17
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިއްޖެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތާޖުއްދީން ސްކޫލްގެ ހޯލުގައި ރޭ ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ޕީޕީއެމްއާ އަލަށް ގުޅުނު 11000 މެންބަރުންގެ ތެރެއިން 60 ފަސެންޓު ފޯމުތަކަކީ އެމްޑީޕީ އިން އަލަށް ގުޅުނު މީހުންގެ ފޯމުތައް ކަމަށެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގައި ބާކީ ތިބި މީހުންވެސް ޕީޕިއެމްއަށް ގެންނާނެކަމަށް ތޯރިގު ވިދާޅުވިއެވެ.
"60 ޕަސެންޓަށް ވުރެ ގިނަ ފޯމް މިހުރީ އެމްޑީޕީ ފޯމު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދި ނުކުންނާނަން. މާ ލަސްތަކެއްނުވެ ނުކުމެ ދެން ހުރި އެމްޑީޕީގެ މެންބަރުންތައްވެސް އަޅުގަނޑުމެން ކަހާލާފަ ޕީޕީއެމް އަށް ގެންނާނަން،" ތޯރިގު ވިދާޅުވިއެވެ.
އެމްޑީޕީގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ތޯރިގު ވިދާޅުވީ މިސަރުކާރުން ދައްކަނީ ނާނާ ހުވަފެނެއް ނޫން ކަމަށާއި ނާނާ ހަވަފެން ބަލަން ތިއްބެވި ބޭފުޅުން ރާއްޖެއިން ބޭރަގައި ތިއްބައިވަގެން ނަނާ ހުވަފެން ބަލަމުންދާ ކަމަށެވެ. އަދި އެބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ކެންޕޭނު ކުރެއްވިކަމުގައި ވިޔަސް ކާމިޔާބު ނުވާނެ ކަމަށާއި އިރާދަކުރެއްވިއްޔާ 2018 ގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބު ކުރައްވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދައްކަނީ ނާނާ ހުވަފެނެއް ނޫން އެއްގޮތަކަށްވެސް. ނާނާ ހުވަފެން ބަލަން ތިއްބެވި ބޭފުޅުން އެ ތިއްބެވީ ސިލޯނުގައި، ލަންކާގައި، އެބޭފުޅުން އެތާ ތިބެގެން މީހުން ހޯދައިގެން ކެންޕޭން ކުރައްވަންވީ. އަޅުގަނޑުމެން މިތިބީ މިތާ. އިރާދަކުރެއްވިއްޔާ 2018 ގައި ރައީސް ޔާމީން ހޮވާނަން. ހަމަ އެއްފަހަރުން ހޮވާނަން،" ތޯރިގު ވިދާޅުވިއެވެ.