ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ސަރުކާރުން ނިންމައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މުވައްޒަފުންނާއި އެޓާނީ ޖެނަރަލް އޮފީހުގެ މުވައްޒަފުން އަހުލުވެރިކުރުމަށް ވޯކްޝޮޕެއް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ މިހާރުން މިހާރަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މުއައްސަސާތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

އަނިލް ވިދާޅުވީ ގާނޫނަށް އަމަލުކުރަން ފަށާއިރުވެސް އަދި އަމަލުކުރަން ފެށުމުން ވެސް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މި ގާނޫނަށް މިހާރު ގެންނަން ޖެހޭ ބަދަލުތައް ކަމާބެހޭ މުއައްސަސާތަކުން ފޮނުވާފައިވާ ކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑުމެން މަޝްވަރާގެ ނިޒާމްގެ ތެރެއިން ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން މިދަނީ،" އަނިލް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވީ އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޕީޖީ އޮފީހުން ވެސް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ. އަދި އެ އިސްލާހުތަކަކީ ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި ކޮންމެހެން ގެންނަންޖޭ އިސްލާހުތަކެއް ކަމަށް ވެސް ބިޝާމް ވިދާޅުވިއެވެ.

"މި ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން އަންނާނެ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ދެނެގަނެ މައްސަލަތަށް އަމާޒުވާނެ ފަދައިން އެ މައްސަލަތައް ހައްލުވާނެ ފަދައިން ގިނަ އިސްލާހުތަކެއް މިހާރު ވާނީ އޭޖީ އޮފީހަށް ފޮނުވާފަ،" ބިޝާމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުއެވެ. މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރުމަށް ފާސްކޮށްފައެވެ.