12 Feb 2017, 12:12
ހދ. ހަނިމާދޫން ފަތުރުވެރިކަމުގެ ބޭނުމަށް 72،000 އަކަފޫޓުގެ ބިމެއް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަމިއްލަ ޚަރަދުގައި އެ ބިމުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރެވިދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިއުލާނުގައި ވެއެވެ.
އެގޮތުން، މިމަހުގެ 20 ވަނަ ދުވަހު އެ ކައުންސިލްގައި ބާއްވާ ޕްރީ ބިޑް މީޓިންއަށް ވަޑިއިގެން ބިޑް ސެކިއުރިޓީގެ ގޮތުގައި 5000 ރުފިޔާ ދެއްކުމަށްފަހު ބިޑް ޑޮކިއުމަންޓް ގަނެވޭނެ ކަމަށާއި އެ މީޓިންއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރި ނުވެވޭނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ ބޮޑު އެއާޕޯޓުވެސް އޮންނަނީ ހަނިމާދޫގައެވެ. އެއާ އެކު އެރަށުގައި ފަތުރުވެރިކަންވެސް އަންނަނީ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާއިން ކުރިއަރަމުންނެވެ.
ހަނިމާދޫން ކުއްޔަށް ދޫކުރާ ބިމުގެ ޕްރީބިޑު މީޓިން ގައި، ބިޑާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.