ރާއްޖޭގައި މިއަދު ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގެ ހިދުމަތް ހަމައެކަނި އޮތީ "ނަމެއް"ގައި ކަމަށާއި އެކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި އެ ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނަނީ، ޝަހީބް މިހެން ވިދާޅުވީ، އިންޑިއާގެ ހައިދުރައާބާދުގައި މިމަހުގެ 24 އިން 27 އަށް ކުރިއަށްދިޔަ "ސެމިނާ އޮން ރީ ފޯކަސިން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިން އިން ސައުތު އޭޝިޔާ"ގެ 20 ވަނަ އަހަރީ ޖަލްސާގެ ތެރެއިން ބޭއްވި "އޭޝިއަން މީޑިޔާ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ސެމިނާރުގައި ވާހަކަދައްކަވަމުން ކަމަށެވެ.

ޝަހީބުގެ ވަނީ، ރާއްޖޭގައި ރޭޑިޔޯގެ ހިދުމަތް ފެށުނު ގޮތާއި ޓެލެވިޒަންގެ ހިދުމަތް ފެށުނު ގޮތާއި އެދެ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރުމުގެ ތާރީހުގައި އަދާކުރި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ މުހިންމު ދައުރުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަދައްކަވާފައި ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ގައުމީ ޓީވީ އާއި ގައުމީ ރޭޑިޔޯގެ ގޮތުގައި ކުރިން ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް އިން ހިދުމަތް ދެމުން ދިޔައީ އެއާ ޓައިމްގެ ގާތްގަޑަކަށް 90 އިންސައްތަ ޕަބްލިކް ސަވިސް ބްރޯޑްކާސްޓިން ހާއްސަ ކޮށްގެން ކަމަށް ވީ ނަމަވެސް، މިހާރު ޕަބްލިކް ސަވިސް ބްރޯޑްކާސްޓިން އޮތީ ހަމައެކަނި ނަމެއްގައި ކަމުގައި އޭނާ ވިދާޅުވި ކަމަށް އެބަޔާނުގައިވެ އެވެ.

"ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ރާއްޖޭގައި މީގެ 48 އަހަރު ކުރިން ފެށުނީއްސުރެ ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން އަށް ވަރަށް ބޮޑު އަހައްމިޔަތެއް ދީފައިވާ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގެ ހިދުމަތް ހަމައެކަނި ނަމެއްގައި އޮތް ކަމީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި" ޝަހީބް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ތާރީހުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިން އުފެދިގެން އައިގޮތާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގެ، ފެތުރިފައިވާ އާބާދީ އަކަށް ޕްރޮގްރާމްތައް އުފައްދާ ހުށަހެޅުމުގައި ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއި ބެހޭ ގޮތުންނާއި އަދި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގައި ރާއްޖޭ ކުރި ތަޖުރިބާ ޖަލްސާގެ ބައިވެރިންނާ ޝަހީބް ހިއްސާކޮށްފައިވާ ކަމަށް އެބަޔާނުގައި ބުނެ އެވެ.

އޭޝިޔަން މީޑިޔާ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ސެންޓާ ނުވަތަ އެމިކް އަކީ ސަރުކާރުތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ރެގިޔުލޭޓަރުންނާއި، މީޑިޔާ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި، އދގެ އިދާރާތަކާއި އެހީދޭ ޖަމާއަތްތަކާއި މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން މީޑިޔާގެ ތަރައްގީއަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޖަމިއްޔާ އެކެވެ.