ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން މިހާރު މަޖިލީހަށް އިއްވާފައިވާ އިރު ބިލުގައި ހުރި ކަންކަމަށް ބަލާލުން މުހިންމެވެ. މާދަމާގެ މަޖިލީހުގައި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ފެށިގެންދާނެ އެވެ.

ޖުމްލަ 19 ބާބުގެ މައްޗަށް ފަރުމާ ކޮށްފައިވާ އެ ބިލުގައި 147 މާއްދާ ހިމެނެ އެވެ. ކޮންމެ ބައެއްވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

ހެކިބަސް ސިއްރުން ނަގާފައި، ޝަރީއަތުގެ މަޖިލީހުގައި އިއްވިދާނެތަ؟

ހެއްކާ ބެހޭ ބިލުގައި ހިމާޔަތް ކުރެވޭ ހެކިންގެ ހެކިބަސް ނަގަން ޖެހޭ ގޮތަތްކެއް ވަނީ ބަޔާންކޮށްފަ އެވެ. ސިއްރުން ހެކިބަސް ނަގަން ކޯޓަށް އަމުރުކުރެވިދާނެ ކަމަށް ބިލުގެ 126 ވަނަ މާއްދާގެ (ށ) ގައި ވަނީ ބަޔާންކޮށްފަ އެވެ.

  1. އެމީހަކީ ކާކުކަން ހާމަނުވާގޮތަށް އޭނާގެ އަޑު ބަދަލުކުރުމަށް ފަހު އޯޑިއޯ ނުވަތަ އަޑު ފޮނުވައިދޭ ވަސީލަތެއްގެ ޒަރީއާއިން އޭނާއާ ސުވާލުކޮށް އޭނާގެ ހެކިބަސް ނެގުން

  2. އެމީހަކީ ކާކުކަން ހާމަނުވާގޮތަށް މަންޒަރު ބަދަލުކުރުމަށް ފަހު ވީޑިއޯ މެދުވެރިކޮށް ހެކިބަސް ނެގުން
  3. ޝަރީއަތް ފެށުމުގެ ކުރިން ނަގާފައިވާ ހެކިބަސް ކޯޓަށް އިއްވުން

ޝަރީއަތް ފެށުމުގެ ކުރިން ހެކިބަސް ނެގުމަށް ފަހު އިއްވޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއަށް ބައެއް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކީލުން ގަބޫލުކުރާ ގޮތުގައި އެއީ ދިފާއުވުމުގެ ހައްގު ފާޅުގައި ނިގުޅައިގަނެވޭ ގޮތަށް ބަޔާންކޮށްފައިވާ މާއްދާ އެކެވެ.

ހެކިބަސްދޭ މީހާއަށް ގާނޫނަކުން ހިމާޔަތް ލިބެނީ

ހެކިބަސްދޭ މީހުންނަށް ހިމާޔަތް ދޭން ޖެހޭ އުސޫލެއް މީގެ ކުރިންވެސް އޮވެ އެވެ. ބޮޑެތި ޖިނާއީ މައްސަލަތަކުގައި ހެކިބަސްދިނުމަށް ފަހު އެމީހަކު ބޭނުންވެއްޖެ ނަމަ ހިމާޔަތް ދެވޭގޮތަށް އުސޫލެއް އޮތް ނަމަވެސް އެ އުސޫލަށް އަމަލުކުރާ ތަނެއް ނުފެނެ އެވެ.

މިހެން މިކަން އޮއްވައި ހެއްކާ ބެހޭ ބިލުގައި މިވަނީ ހެކިބަސްދޭ މީހުންނަށް ހިމާޔަތްދޭން ޖެހޭގޮތް ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ. އެގޮތުން ހެކި ބަސް ދޭ މީހާއަށް އެއްވެސް ނުރައްކަލެއް އޮތްކަން އޭނާއަށް ފާހަގަވުމުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅައިގެން ހިމާޔަތް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ ހެކިބަސްދޭ މީހާއަށް ނުރައްކަލެއް އޮތްކަން ކޯޓަށް ފާހަގަކުރެވޭ ނަމަ އެމީހަކަށް ހިމާޔަތްދިނުމަށް ދަައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ފުލުހުންނަށް އަމުރުކުރުމުގެ ބާރު ބިލުން ވަނީ ކޯޓުތަަކަށް ދީފަ އެވެ. އަދި ހިމާޔަތް ދޭން އަމުރުކުރާއިރު ހިމާޔަތް ދޭން ޖެހޭ ގޮތުގެ ތަފްސީލުވެސް ބަޔާންކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ހެކިބަސް ދޭން ކޯޓަށް ލާޒިމު ކުރެވޭނެ

މިހާރު ބިލު ފަރުމާކޮށްފައި އޮތް ގޮތުން ހެކިބަސްދިމުގެ ގާބިލްކަން ހުރި މީހެއް ނަމަ ހެކިބަސްދޭން އެމީހަކަށް ކޯޓުން ލާޒިމްކުރެވިދާނެ އެވެ. ނަމަވެސް ހެކިބަސް ނަގަން ކާޒިމު ނުކުރެވޭ ބައެއް ފަރާތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

  • ނުކުޅެދޭ މީހަކަށް ހެކިބަސް ދޭން ގިނައިރު ނަގާނަމަ

  • ވަކި ވާގިއާއަކާ ގުޅޭ ގޮތުން ކާފީ ހެކި ލިބިފައިވުން
  • ކާފީ ހެއްކަށްވާ ވަރަށް ހެކިބަސްދޭނެ އެހެންބަޔަކު ތިބުން
  • މަޖިލިސް މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ނުވަތަ ކޮމިޓީއަށް ހާޒިރު ނުވެވޭގޮތަށް ހެކިބަސްދޭން ލާޒިމެއް ނުކުރެވޭނެ
  • މައްސަލަ ބަލާ ފަނޑިޔާރަށް ހެކިބަސްދޭން ލާޒިމެއް ނުކުރެވޭނެ
  • އެއް ދައުވާ ގިނަ ބަޔަކަށްކޮށްފި ނަމަ އޭން މީހަކަށް އަނެކަކާ ދެކޮޅަށް ނުވަތަ އެއްކޮށްޅަށް ހެކިބަސްދޭން ލާޒިމެއް ނުކުރެވޭނެ

މީގެ އިތުރުން ވެސް ބިލުގައި ވަރަށް ގިނަ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ.

މީގެކުރިންވެސް ރާއްޖޭގައި ހެއްކާ ބެހޭ ގާނޫނެއް އޮތެވެ. އެއީ 1976 ވަނަ އަހަރު ހަދާފައިވާ ގާނޫނެކެވެ. ގާނޫނުގައި މާ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ތަފާތު ހެކިތަކުގެ ވައްތަރާ ބެހޭ ގޮތުން ވެސް އެ ގާނޫނުގައި އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.

މިހާތަނަށް ކޯޓުތަކުގައި އަމަލުކުރަމުން އައީ ކޯޓުތަކުން ކަނޑައަޅާފައިވާ ހެއްކާ ބެހޭ އުސޫލުތަކަށެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ގާނޫނަކަށް ބަދަލުވުމުން އެ އުސޫލުތަކަށް އަމަލުކުރުން ހުއްޓޭނެ ކަމަށް މެމްބަރު އަލީ ޝާހު ވިދާޅުވި އެވެ.