ގާނޫނު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަންއާ ދެމެދު އެއްބާރުލުން މިހާރަށް ވުރެ އިތުރު ކުރުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން 2011-2013ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހި ކުރުމާއި ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ޙާސިލް ކުރުމާއި ރަސްމީ ސިޔާސަތެއްގެ ދަށުން މަސައްކަތް ކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުންޏެވެ.

އެ އެމްއޯޔޫގެ ސަބަބުން އެ ދެ މުއައްސަސާގެ މަދުގައި ޤާނޫނު ތަންފީޒް ކުރުމަށް މުޙިއްމު އަދި ބޭނުންތެރި މަޢުލޫމާތާއި ވަޞީލަތްތައް ޙިއްސާކުރުމާއި ދެ މުއައްސަސާގެ ގުޅުން އިތުރަށް ހަރުދަނާވެ، ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަންގެ ކުށްތައް ތަޙްޤީޤު ކުރުމުގަ އާއި ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށް މަޢުލޫމާތާއި އެހީތެރިކަން އެއްބަޔަކު އަނެއްބަޔަކަށް ފޯރުކޮށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ޕޮލިސް އިން ބުންޏެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ފަޞީޙު އެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޙަސަން ލުތުފީ އެވެ.