އިކޮނޮމިކް މިނިސްޓްރީންދޭ ޚިދުމަތްތަކަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ ނިޒާމެއް އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އިއްޔެ ވިދާޅުވި ގޮތުގައި، އިކޮނޮމިކް މިނިސްޓްރީގެ ގިނަ ޚިދުމަތްތަކެއް ހޯދުމަށް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް އެޕްލިކޭޝަން ހުހެޅޭ ނަމަވެސް، އެ ޚިދުމަތްތައް ހޯދުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީއަށް އެކި ފަރާތްތަކުން އަންނަން ޖެހޭ ކަމަށެވެ.

"ޕޯޓަލް މެދުވެރިކޮށް އެއް ކޮމްޕޯނެންޓް ނިންމާފައި، އަނެއް ކޮމްޕޯނެންޓް ފުރިހަމަކުރުމަށް މިނިސްޓްރީއަށް އަންނަން ޖެހެނީ. އެކި ޚިދުމަތްތައް ދެމުން، އަޅުގަނޑުމެން ދުވާލެއްގެ މައްޗަށް ގިނަ ފީތަކެއް ކަލެކްޓް އެބަ ކުރަން. މެނުއަލީ އެ ޕްރޮސެސްތައް ހިނގަނީ،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީގެ ވިސްނުމަކީ ޚިދުމަތަށް އެދި ހުށަހެޅުމާއި، ޚިދުމަތް ހޯދުމަށް ދައްކަން ޖެހޭ ފީ ދެއްކުން ވެސް އޮންލައިން ކުރުން ކަމަށެވެ.

ވިސާމް ވިދާޅުވީ މި މަހުގެ ތެރޭގައި އެ އޮންލައިން ނިޒާމު ގާއިމުކޮށް، ކުރިޔަށް އޮތް މާޗު މަހުގެ ތެރޭގައި އެ ނިޒާމު ބޭނުންކުރަން ފެށޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާޗު މަހުން ފެށިގެން، މި މިނިސްޓްރީއަށް ހާޒިރުނުވެ، ޕޭމެންޓް ގޭޓުވޭ މެދުވެރިކޮށް ޚިދުމަތަށް ޕޭކުރުމުގެ ނިޒާމެއް ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ. މި މިނިސްޓްރީއަށް ދައްކަން ޖެހޭ ކޮންމެ ފީއެއްވެސް އެ ގޭޓުވޭ މެދުވެރިކޮށް، މިނިސްޓްރީއަށް ނައިސް ދެއްކޭނެ،" ވިސާމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން ދާ އިރު، އެ މިނިސްޓްރީން މި މަހުގެ ތެރެގައި ވަނީ، މިނިސްޓްރީއިންދޭ ޚިދުމަތްތައް ހޯދުމަށް އޮންލައިންކޮށް ނަމްބަރު ނެގޭނެ އިންތިޒާމު ވެސް، މެދުވެރިކޮށް ހަމަޖައްސައިފަ އެވެ.