ޓޫރިޒަމް ޕްރޮމޯޝަން ބޯޑެއް ނުހިންގެނީސް ދެން ރާއްޖޭގައި ރިސޯޓްތައް ތަރައްގީ ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމަގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރަން އެއީ ދެން ޓޫރިޒަމް ޕްރޮމޯޝަން ބޯޑެއް ނުހިންގެނީސް ދެން ރާއްޖޭގައި ރިސޯޓްތައް ތަރައްގީ ނުކުރެވޭނެ. އެއީ ޓުއަރިސްޓުން ނާންނަންޏާ މައްސަލައެއްތާ. އިންޑަސްޓްރީއާ ޓޫރިޒަމާ އޮންނަންޖެހޭ ގުޅުން އެބަ އޮންނަންޖެހޭ. ދެން ޓްއަރިޒަމް މާސްޓަރ ޕްލޭނެއް އެކުލަވާލަން އެބަޖެހޭ. ޕްރޮމޯޓްކުރާނެ މާސްޓަރ ޕްލޭނެއް އެކުލަވާލަން އެބަޖެހޭ،" ޖާބިރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފަތުރުވެރިކަން އިޝްތިހާރު ކޮށްފައިވަނީ އެކަމަށްޓަކައި އުފެއްދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުންނެވެ. އެއަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ބޯޑު އުވާލައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ނަމުގައި ވަނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކުންފުންޏެއް އުފައްދައިފައެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އިތުރުން ފަތުރުވެރިކަމަށް ރަށްތައް ދޫކުރުން ވެސް އެކުންފުންނީގެ މެންޑޭޓެއްގެ ގޮތުގައި ކަނޑައެޅިއެވެ.

އެމްއެމްޕީއާރްސީގައި ހިންގާފައިވާ ބޮޑު ކޮރަޕްޝަންގެ މައްސަލައަށްފަހު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކިކޮށް މިނިސްޓަރު މޫސާ ޒަމީރު ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ އެމްއެމްޕީއާރްސީ އަކީ ހަމައެކަނި ޓޫރިޒަމް ޕްރޮމޯޓްކުރާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.

އެ ބަދަލު ގެންނަވާފައި ވަނިކޮށް ދާދިފަހުން ރައީސް ޔާމީން ޓޫރިޒަމް އިޝްތިހާރު ކުރުމަށް "ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ލިމިޓެެޑް"ގެ ނަމުގައި ވަނީ ކުންފުންޏެއް އުފައްދަވައިފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ހުރިހާ މަސައްކަތެއް ވެސް މީގެފަހުން ކުރިއަށްދާނީ އެ ކުންފުނީގެ ދަށުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ޓޫރިޒަމް ޕޮރޮމޯޓް ކުރުމަށް އުފެއްދި ބޯޑުގެ ސަބަބުން ރިސޯޓުތައް ޕްރޮމޯޓް ވެގެންދާނެ ކަމަށާއި ސަރުކާރުން ތައާރަފްކުރި ބޯޑު ވެގެންދާނީ ވަރަށް ކާމިޔާބު ބޯޑަކަށް ކަމަށެވެ. އަދި މިފަހަރުގެ ބޯޑަށް އިތުރަށް ކުރެވިދާނެ ކަންތައްތަކެއްވެސް ޖާބިރު ފާހަގަކުރައްވާފައެވެ.

"މިސާލެއްގެ ގޮތުން ރާއްޖޭގެ ބްރޭންޑުތައް އިތުރަށް ކުރިއޭޓްކުރުން. ދުނިޔޭގެ ލެވެލްގަ މާސްމީޑިއާ ބޭނުންކޮށްގެން ކުރިއޭޓް ކުރުމާއި ފިޒިކަލީ ފެއަރ ތަކުގައި ބައިވެރިވެގެން ޕްރޮމޯޓްކުރުމާއި ނެގޯޝިއޭޓް ކުރުމާއި ވާހަކަ ދައްކައިގެން ކަންކަން ސާފުކޮށްލުން މީ ހަމަ ބޯޑަށް ކުރެވޭނެ ކަންކަން،" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.