ނަވާރަސަތޭކަ ނުވަދިހަ ދެވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށް ބޮސްނިއާގައި ހިނގި ހަނގުރާމައިގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ގަތުލު އާންމުގެ މޭސްތިރިއެއް ކަމަށްވާ ޖުބިސާ ބިއެރާ މަރުވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޖުބިސާ ބިއެރާ މަރުވެފައިވަނީ ޖަރުމަނުގެ ޖަލެއްގައި މިމަހުގެ އަށް ވަނަ ދުވަހު އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 77 އަހަރެވެ.

އޭނާ މަރުވާން ދިމާވި ސީދާ ސަބަބެއް ބާލިންގެ ސްޓޭޓް ޖަސްޓިސް ޑިޕާޓްމަންޓުން ހާމަ ނުކުރެއެވެ. އެ ޑިޕާޓްމަންޓުން ހާމަ ކުރި ގޮތުގައި އޭނާ މަރުވި އިރު، އެ ދުވަސްކޮޅުގައި އޭނާ އުޅުނީ ސިއްހީ ބަލިމަޑުކަމެއްގައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ހިނގި އެންމެ ބޮޑު ގަތުލުއާންމު ހިނގާފައިވަނީ ބޮސްނިއާގެ ހަނގުރާމައިގައެވެ. އެހަނގުރާމައިގައި 8000 އަށްވުރެ ގިނަ މުސްލިމް ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުން ގަތުލުކޮށްފައިވެއެވެ. އެގަތުލު އާންމު ބިއެރާ އާއި އިތުރު ދެ މީހެއްގެ މޭސްތިރިކަމުގެ ދަށުންނެވެ.

އޭރު ބިއެރާއަކީ އެގައުމުގެ ސާބް އާމީ ހެޑްކުއާޓަތުގެ ޗީފް އެވެ. އެ ގަތުލު އާންމު ހިންގާފައިވަނީ ބިއެރާއާއި، ސާބްގެ ސިޔާސީ ލީޑަރެއް ކަމަށްވާ ރަޑޯވަން ކެރެޒްވިކް އާއި އަސްކަރީ ކޮމާންޑަރު ރަޓްކޯ މްލެޑިކްގެ މޭސްތިރި ކަމުގެ ދަށުންނެވެ.

މި ތިން މީހުންގެ މައްޗަށްވެސް ކުރި ދައުވާ ސާބިތުވެ ވަނީ ޖަލަށްލާފައެވެ. 2015 ވަނަ އަހަރު އދ. ގެ ކޯޓުން ވަނީ ބިއެރާގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ނިންމައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާ އެކު އޭނާ ވަނީ ޖަރުމަނުގެ ޓެގެލް ޖަލަށް ގެންގޮސްފައެވެ.